މެސީ ކަރުނަ ފޮހުނު ޓިޝޫ 1 މިލިއަން ޑޮލަރަށް
މެސީ ކަރުނަ ފޮހުނު ޓިޝޫ 1 މިލިއަން ޑޮލަރަށް

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އޭނާގެ އެންމެ ފުރަތަމަ ކްލަބް ކަމަށްވާ ބާސެނޯ ދޫކޮށްލާކަން އިއުލާނުކުރި ޕްރެސް ކޮންފަރެންސްގައި ކަރުނަ ފޮހެން ބޭނުންކުރި ޓިޝޫކޮޅެއް ވިއްކާލަން، އެއް މިލިއަން ޑޮލަރަށް އޮކްޝަން ވެބްސައިޓަކަށް ލައިފި އެވެ.

މީހަކު މި ޓިޝޫކޮޅު ނެގީ މެސީ އެ ޑަސްބިނަކަށް ވައްޓާލިތަން ފެނިގެންނެވެ. ޓިޝޫކޮޅު ނެގި މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 34 އަހަރުގެ މެސީ ބާސެލޯނާ ދޫކޮށްލީ 21 އަހަރަށް ފަހު މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ދުވަހު މީޑިއާއާ ބައްދަލުކޮށް މެސީ ވާހަކަ ދެއްކީ ވަރަށް އަސަރާ އެކުގަ އެވެ. އޭނާގެ ކަރުނަތައް ނުހިފެހެއްޓިގެން ޓިޝޫ އިން ފޮހުނެވެ.

ކަރުނަ ފޮހެން ބޭނުންކުރި ޓިޝޫކޮޅުގެ ވާހަކަ މީޑިއާގައި ދެކެވެން ފެށުމާ، ނީލަމަށް ލާފައި ވެބްސައިޓްގައި ޖަހާފައިވާ އިސްތިހާރުގެ ސްކްރީންޝޮޓްތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.

ޓިޝޫ ވިއްކަން އިއުލާނުކޮށް އިސްތިހާރުގައި ޖަހާފައި ވަނީ އެއީ މެސީގެ ޑީއެންއޭ ހިމެނޭ ޓިޝޫއެއް ކަމަށާއި އެހެންވެ މުސްތަގުބަލުގައި މި ޑީއެންއޭ ބޭނުންކޮށްގެން ކްލޯން ވެސް ކުރެވިދާނެ ކަމަށެވެ.