ނުރައްކާ ބޯވައެއް ފެންނާތީ ސަމާލުވާން އެދިއްޖެ
ނުރައްކާ ބޯވައެއް ފެންނާތީ ސަމާލުވާން އެދިއްޖެ

ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާ ބާވަތުގެ ބޯވައެއް ފެންނާތީ އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން އިއްޔެ އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން ކުރި ޕޯސްޓެއްގައި ބުނީ "ބްލޫރިންގްޑް އޮކްޓޮޕަސް" ނަމަކަށް ކިޔާ ނުލާއި ރީނދޫ ކުލައިގެ ބޯވައެއް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮންމެ ވެސް ވަރަކަށް ފެންނަމުންދާ ކަމަށެވެ. އެހެންވެ، މޫދުގައި އުޅޭ އިރު ވެސް އެ ކަމަށް ވީހާ ވެސް ސަމާލުކަން ދިނުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން އެދެ އެވެ.

ބްލޫރިންގްޑަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބާވަތްތަކާ ހިލާފަށް ސައިޒުން ކުޑަ ބޯވައެކެވެ. އެ އެއްޗިއްސަށް ނުރައްކާ އިހުސާސް ވުމުން ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއް ހެން ލަތްތަކެއް ހަންގަނޑަށް އަރުވަ އެވެ.

އެ ބޯވަ ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެ އެއްޗެހި އުފައްދާ ވިހަ މާއްދާއެއް ބޭނުން ކޮށްގެންނެވެ. އެއީ، މެރިން ރިސާޗު ސެންޓަރުން ބުނިގޮތުގައި ހިއްސުތަކާ ބެހޭ ނާރުތަކަށް ހަމަލާދޭ ވިހައެކެވެ. އެ ޒާތުގެ ބޯވަ، ކާ އެއްޗެހި ހޯދަނީ ޝިކާރައިގެ ހަށިގަނޑުގެ ތެރެއަށް އެ ވިހަ ދޫކޮށްލައި މަރާލައިގެންނެވެ. އެކި ބާވަތުގެ ނުރައްކަލުން ދިފާއުވުމަށް ވެސް ބްލޫރިންގް ބޯވަ އެ ނިއުރޯޓޮކްސިން ދޫކޮށް އުޅެ އެވެ.

ނިއުރޯޓޮކްސިން އަކީ އިންސާނުންނަށް ވެސް ވަރަށް ނުރައްކާތެރި ވިހައެއް ކަމަށާއި އެ ބާވަތުގެ ބޯވައިގައި އަތްލައި ހިފައި އުޅޭ ނަމަ އިންސާނުންގެ ގައިގައި ވެސް ދަތް އަޅައި ވިހަ ދޫކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

"މި ގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅި ނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެ އެވެ. ނަމަވެސް، ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފި ނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގި ދިއުން ފަދަ އަލާމަތްތައް ފެންނަން ފަށަ އެވެ،" މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުންޏެވެ.

ބޯވަ ދޫކުރާ ވިހައިގެ ސަބަބުން ކުރާ އެހެން އަސަރުތަކުގެ ތެރޭގައި ބޯއަނބުރައި ހޮޑުލަވާ ގޮތް ވުމާއި ހިތްހުއްޓުން ފަދަ ކަންކަން ހިމެނެ އެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން ވެސް އެކަށީގެންވާ ކަމަށް ބުނެ އެވެ.

"މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން ކުއްލި ފަރުވާގެ ގޮތުގައި މަސްނޫއީކޮށް ނޭވާލައްވަން ޖެހެ އެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދެ އެވެ،" މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުންޏެވެ.