ގަވައިދާ ހިލާފަށް ބިދޭސީއަކު ފްރީޑައިވިން ސެޝަންތަކެއް ނަގައިދޭތީ ސަމާލުކަމަށް ގެނެސްފި
ގަވައިދާ ހިލާފަށް ބިދޭސީއަކު ފްރީޑައިވިން ސެޝަންތަކެއް ނަގައިދޭތީ ސަމާލުކަމަށް ގެނެސްފި

ސަލަމާތީ ފިޔަވަޅުތައް ނާޅައި ގަވައިދާ ހިލާފަށް ބިދޭސީއަކު ރާއްޖޭގައި ފްރީ ޑައިވިން ޓްރެއިނިން ސެޝަންތަކެއް ނަގައިދޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މޯލްޑިވްސް ފްރީޑައިވް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަލަމާތީ ފިޔަވަޅުތައް ނާޅައި އަދި މިކަމާ ގުޅޭ އިދާރާތަކުން އެފަދަ ޓްރެއިނިންއެއް ދިނުމުގެ އެއްވެސް ސެޓްފިކެޓެއް ނެތް ބިދޭސީއަކު ފްރީ ޑައިވިން ޓްރެއިނިން ސެޝަންތަކެއް ނަގައިދޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި ފްރީ ޑައިވިން ޓްރެއިނިންތައް ނަގައިދޭ ސެޓިފައިޑް ޓްރެއިނިން ސްކޫލެއް އަދި އެސޯސިއޭޝަނަކާ ވެސް، މި މީހާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. އެހެންވެ، މިފަދަ އެއްވެސް ޓްރެއިނިން ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ކުރިން، އެއީ ސެޓިފައިޑް ފަރާތެއްތޯ ކަށަވަރުކުރުމަށް، އެ ބަޔާނުގައި އެދިފައިވެ އެވެ.

ފްރީ ޑައިވް އެސޯސިއޭޝަނުން ބުނީ ސެޓްފިކެޓެއް ނެތި އަދި ތަޖުރިބާއެއް ނެތި މިފަދަ މީހުން ދޭ ޓްރެއިނިން ސެޝަންތަކުގައި ބައިވެރިވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެ އެސޯސިއޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ބުނީ މި ބިދޭސީ މީހާ އަކީ މީގެ ކުރިން ވެސް އެހެން ބައެއް ގައުމުތަކުގައި ގަވާއިދާ ހިލާފަށް ފްރީ ޑައިވިން ސެޝަންތައް ދީގެން މައްސަލަ ޖެހިފައިވާ މީހެއް ކަމަށެވެ.

"ފްރީ ޑައިވިން ދަސްކުރަން ބޭނުން ނަމަ ރާއްޖޭގައި އެކަމަށް ހުއްދަ ހޯދައިފައި ތިބި ސްކޫލުތަކުގެ ފަރާތުން ހިންގާ ޕްރޮގުރާމެއްގައި ބައިވެރިވުން މުހިންމު. ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އޭރުން،" އޮފިޝަލް ބުންޏެވެ.

ރާއްޖޭގައި ހުއްދަ ލިބިގެން ފްރީ ޑައިވިން ސެޝަންތައް ނަގައިދޭ ދެ ސްކޫލް ހުރެ އެވެ. އެއީ ފްރީ ޑައިވް މޯލްޑިވްސް އާއި ސޯލްޓެޑް ވެންޗާސް އެވެ.