22 އޯގަސްޓް 2021 - 14:49

އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލަވައިލުމަށް، ތާލިބާން ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އަބްދުލްޣަނީ ބަރާދަރު، ކާބުލް އަށް ގޮސް ސިޔާސީ އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކުރަން ފަށައިފި އެވެ.
ތާލިބާން ޖަމާއަތާ ހަވާލާ ދީ އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި ކުރިން އަފްގާނިސްތާނުގައި އޮތް ސަރުކާރުތަކުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނަށް ވެސް، ތާލިބާނުން އުފައްދާ ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު ތާލިބާނުން ދޭނެ އެވެ. ވިހި އަހަރުގެ ހަނގުރާމައަށް ފަހު އަފްގާނިސްތާނު ހިފުމަށް ފަހު، ތާލިބާނުން ބުނެފައިވާ ގޮތުގައި އަފްގާނިސްތާނުގައި ތާލިބާނުން އުފައްދާ ސަރުކާރުގައި، އަންހެނުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ.
ތާލިބާން ޖަމާއަތުގެ ތަރުޖަމާނެއް ކަމަށްވާ ސުހައިލް ޝާހީންއާ ހަވާލާދީ ޗައިނާ ސަރުކާރުގެ ޓީވީން ބުނި ގޮތުގައި އަފްގާނިސްތާނުގެ އާ ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް، ވެރިރަށް ކާބުލްގައި ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. އަދި އާ ސަރުކާރުގައި އެ ގައުމުގެ ހުރިހާ ފަންތިއަކާއި ހުރިހާ ގިންތިއެއް ބައިވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސުހައިލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތާލިބާނުން ބޭނުންވަނީ ގާނޫނުގެ ވެރިކަމަށް ހުރުމަތްތެރިކޮށް ހިތާ ސިޔާސީ ނިޒާމެއް އަފްގާނިސްތާނުގައި ގާއިމު ކުރާށެވެ. އަދި އާ ސަރުކާރުގައި ހުރިހާ ސިޔާސީ ވިސްނުންތަކަށް ވެސް ޖާގަ ދޭނެ ކަމަށާއި، އާ ސަރުކާރެއް އެކުލަވައިލުމާ ބެހޭ ގޮތުން، ކުރީ ސަރުކާރުގެ ވެރިންނާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ގޮތުން، ކުރީގެ ވެރިން ވެސް ބޭނުންވަނީ ކޮރަޕްޝަނާއި ފަސާދަ އިން މިންޖުވެފައިވާ މަރުކަޒީ ސަރުކާރެއް ގާއިމުކުރަން ކަމަށާއި، އަދިވެސް އިތުރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސުހައިލް ބުންޏެވެ. އެ ގޮތުން، އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ އާއި ސުލްހައިގެ ވާހަކަތަކާ ބެހޭ މަންދޫބު އަބްދުﷲ އަބްދުﷲއާ އެކު އިއްޔެ ވެސް މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށް ޗައިނާ ޓީވީން ބުންޏެވެ.
އިއްޔެގެ މަޝްވަރާތަކުގައި ބޮޑަށް ވާހަކަ ދެކެވުނީ ސުލްހަވެރިކަމާ އެކު އާ ވެރިކަމެއް ފެށުމާއި، ހުރިހާ ސިޔާސީ ވިސްނުންތަކަށް ޖާގަ ދީފައިވާ ސަރުކާރެއް ގާއިމުކުރުމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަވަހަށް ފެށުމާއި، ބޭންކުތަކުގެ މަސައްކަތް އަވަހަށް ފެށުމާ ބެހޭ ގޮތުން ވެސް އިއްޔެ މަޝްވަރާ ކުރެވުނެވެ.
އަފްގާނިސްތާނުގެ އިސްލާމިކް ޕާޓީގެ ވެރިޔާ ގުލްބުއްދީން ހިކްމަތުޔާރު ވިދާޅުވި ގޮތުގައި އެ ޕާޓީގެ އިސް ވެރިންނާ އެކު ތާލިބާނުން ބާއްވަން ބޭނުންވާ މަޝްވަރާ ބައްދަލުވުންތައް ފެށޭނީ، ތާލިބާނުންގެ އިސް ވެރިން، ވެރިރަށް ކާބުލް އަށް އައުމުންނެވެ.
މީގެ އިތުރުން އާ ސަރުކާރު އެކުލަވައިލުމާ ބެހޭ ގޮތުން، އެ ގައުމުގެ އެހެން ބޮޑެތި ޕްރޮވިންސްތަކުގައި ވެސް، ތާލިބާނުން ގެންދަނީ އެ ޕްރޮވިންސްތަކުގެ އިސް ވެރިންނާއި ގަބީލާތަކާއި ޕާޓީތަކުގެ އިސް ވެރިންނާ އެކުގައި މަޝްވަރާ ކުރަމުންނެވެ.