އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ވަނީ ލިބުމުގެ މަގުމަތީގައި: ޒަމީރު
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ވަނީ ލިބުމުގެ މަގުމަތީގައި: ޒަމީރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިވެގެން ހިންގި ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތުން ދައުލަތަށް ގެއްލުނު ބައެއް ފައިސާ މިހާރު ވަނީ ލިބުމުގެ މަގުމަތީގައި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ޚިޔާނާތާ ގުޅޭ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާމަ ނުކުރިޔަސް، ދައުލަތަށް ގެއްލުނު ބައެއް ފައިސާ ލިބުމުގެ މަގުމަތީގައިވާ ކަމަށެވެ.

"ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި މީހުންނަށް އަދަބު ލިބި، ޕޮލިސް އާއި އޮޑިޓާ ޖެނެރަލާއި އޭސީސީން ކުރި މަސައްކަތުން ބައެއް އެސެޓްތައް ރިކަވާވަމުން ދަނީ،" ޒަމީރު ވިދާޅުވި އެވެ.

"އޭސީސީގެ ރިޕޯޓު ނުނިކުތް ކަމުގައިވިޔަސް، މިހާރު ވެސް އެނގިފައި ގޮތް ގޮތުން ބައެއް ފައިސާ އާއި އެސެޓްތައް ލިބުމުގެ މަގުމަތީގައި ވަނީ،"

ޒަމީރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 50 އަހަރަށް ބެލިޔަސް، ރާއްޖެ ތަރައްގީނުވާ ވަރަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ކުރިއެރުންތައް ލިބިފަ އެވެ. އަދި ސަރުކާރަކީ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ ރައްޔިތުންގެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ގައުމަކަށް ހަދައި، ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. މި ސަރަހައްދުގައި އިންވެސްޓަރުންނަށް އެންމެ ފަހި ގައުމަކީ ރާއްޖެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮތް ޓޫރިޒަމް ދާއިރާގައި ވެސް ގުނާ ނުލެވޭހާ ޕްރޮޖެކްޓްތައް ހިނގަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 100 އެއްހާ ރިސޯޓު ހިނގަމުން އަންނައިރު، 500 މިލިއަން ޑޮލަރުގެ ހަތަރު ޕްރޮޖެކްޓަކަށް އިންވެސްޓަރުން ތައްޔާރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އާއި މާލެ އާއި ހުޅުލެ ތަރައްގީ ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދާކަން ފާހަގަކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާއިރު، އެ ފައިސާ ހޯދުމުގެ މަސައްކަތް ނުފެށި ވަނީ، އޭސީސީގެ ރިޕޯޓް އާއްމު ނުކޮށްގެން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އިއްޔެ ވިދާޅުވީ ދައުލަތަށް މިހާތަނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މިދިޔަ ތިން އަހަރުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ. އަނިލް ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ބޮޑު އިސްކަމެއް ދިނީ، އޮޑިޓް އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓުތަކުގައި، ދައުލަތުން ގެއްލުނު ކަމަށް ފާހަގަކޮށްފައިވާ ފައިސާތައް، ދައުވާކޮށްގެން ހޯދުމަށް ކަމަށެވެ.