ޝަރީއަތުގައި ބަލި ކަމަށް ބުނެ ދޮގު ހަދައި، މޭޒުގައި ބޯ އެޅުމުން 2،000ރ. ގެ ޖޫރިމަނާއެއް
ޝަރީއަތުގައި ބަލި ކަމަށް ބުނެ ދޮގު ހަދައި، މޭޒުގައި ބޯ އެޅުމުން 2،000ރ. ގެ ޖޫރިމަނާއެއް

ހުން އައިސްފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ދޮގު ހަދައި އަދި ޝަރީއަތް ކުރިއަށް ދަނިކޮށް މޭޒު މަތީގައި ބޯ އަޅައިގެން އޮތް މީހަކު 2،000ރ. އިން މިއަދު ޖޫރިމަނާ ކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ފިޔަވަޅު އެޅީ 2011 ވަނަ އަހަރު ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފްގެ މައްޗަށެވެ.

ނަޒީފް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުގައި މިއަދު އަޑުއެހުން ބޭއްވީ މާފުށީ ޖަލުގައި އޭނާ ބަހައްޓައިގެން، އޮންލައިންކޮށެވެ.

އަޑުއެހުން ފެށުމާ އެކު، ނަޒީފް ބުނީ އޭނާ ބޮލުގައި ރިއްސައި، ހުން އައިސްފައިވާތީ އެ އަޑުއެހުން ކުރިއަށް ނުގެންދަން އެދޭ ކަމަށެވެ. ޑޮކްޓަރުގެ ލިޔުމެއް އެބައޮތްތޯ ބެންޗުން ސުވާލު ކުރެއްވުމުން ނަޒީފް ބުނީ އެފަދަ ލިޔުމެއް ނެތް ކަމަށެވެ. އެހެންވެ، ފަނޑިޔާރުން ނިންމެވީ އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ.

އަޑުއެހުން ކުރިއަށް ގެންދަން ފެށުމުން ނަޒީފް ވަނީ ޖަލުގައި ހުރި މޭޒުގައި ބޯ އަޅައިފަ އެވެ. ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި އެކަން ނުކުރަން އޭނާއަށް ފަނޑިޔާރުން އެންގެވި އެވެ. އެކަމަކު ދެވަނަ ފަހަރަށް އޭނާ އެކަން ތަކުރާރުކުރި އެވެ.

ފަނޑިޔާރުން ވަނީ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އަނެއްކާވެސް ނަޒީފް ބުނީ ހުން އައިސްފައި ހުރުމުން އަޑުއެހުމުގައި ބައިވެރިވާން އޭނާއަށް އުނދަގޫވާ ކަމަށެވެ. އެހެންވެ، ފަނޑިޔާރުން ކަރެކްޝަންސްއަށް އެންގެވީ އޭނާގެ ހުން ހުރި މިންވަރު ބެލުމަށާއި އޭނާ އަށް ޖަލުގައި ދީފައިވާ ފަރުވާގެ ތަފްސީލު ކޯޓާ ހިއްސާ ކުރުމަށެވެ.

އެކަން ބެލުމަށްފަހު ފަނޑިޔާރުން ނިންމެވީ ހުން އައިސްފައިވާ ކަމަށް ބުނެ ނަޒީފް ޝަރީއަތުގައި ދޮގު ހަދާފައިވާ ކަމަށެވެ. އަދި އެގޮތަށް ބުނެ، ޝަރީއަތުގެ ނިޒާމާ ޚިލާފަށް އޭނާ އަމަލު ކޮށްފައިވާތީ ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން އޭނާ 2،000ރ. އިން ޖޫރިމަނާ ކުރީ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫނެވެ.