22 އޯގަސްޓް 2021 - 14:16

ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދިވެސް ވިދާޅުވަނީ އެކަމާ ގޮތް ނިންމާނީ ރައްޔިތުން ކަަމަށް ރައީސް އޮފީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ހިނގާ ރިޔާސީ ދައުރުގެ މެދުތެރެއިން ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާފައިވާއިރު، އެމަނިކުފާނުގެ އަރިސް މެންބަރުން ހިމެނޭ ގޮތަށް އެމްޑީޕީ ތެރެއިން ވަނީ ބަރުލަމާނީ ނިޒާމް ގެންނަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ފަަށައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސްގެ ސްޓޭންޑަކީ ކޮބާތޯ "މިހާރު"ން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ނިޒާމުގެ މައްސަލާގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް އަދިވެސް ވިދާޅުވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރުންތަކެއް އެކުލަވައިލި ޕެޓިޝަންގައި ބުނާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ފަހު އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓު، މަޖިލީހުގެ ތެރެއިން އެކުލަވައިލެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.
އެކަން 2020 ގެ ކުރިން ނިންމަން ޖެހޭއިރު، ސަރުކާރުން އެ ވައުދު ފުއްދާފައި ނުވާ ކަމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ނިޒާމީ ވޯޓަކަށް ދިޔުމަށް ރައްޔިތުން އެދޭ ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ފަރާތުން 2018 ގައި ނެރުނު "ޖަޒީރާ މެނިފެސްޓޯ" ގައި ބޮޑުވަޒީރެއްގެ ވައުދު ހިމަނާފައި އޮތް ނަމަވެސް އޭގެ ފަހުން ކޯލިޝަންގެ މަޝްވަރާއާ އެކު ނެރުނު "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ"ގައި އެ ވައުދެއް ނުހިމެނެ އެވެ.
ވެރިކަން ހިންގާ ނިޒާމް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުން މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓާ އެކު އެވެ.
ނިޒާމާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނާ އެކުގަ އެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް އަދި ނުގެއްލޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެއާ ހިލާފާށް މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ގެންނަން ބާރު އެޅުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން އެކުލަވާލާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ މެންބަރުން ސޮއިކުރުމަށް އެމަނިކުފާނު ވަނީ ޕާޓީގެ ވަޓްސެޕް ގްރުޕެއްގައި ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ކުރިޔަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެންބަރުންނަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.