24 އޯގަސްޓް 2021 - 07:20

އަހަރެމެން އާންމު ދިރިއުޅުމުގައި ހެދޭ ބައެއް ގޯސްތަކުން ސިއްހަތަށް ނުރަނގަޅު އަސަރުތައް ކުރެއެވެ. ބައެއް ކޮންމެ ކަމަކަށް ވެސް އެންމެ އެކަށީގެންވާ ވަގުތެއް އޮވެ އެވެ. މިއީ ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ އަދި މުޅި ދުވަހު ހަމަޖެހިލައިގެން ހުންނަން ބޭނުންވާ ނަމަ ބައެއް ވަގުތުތަކުގައި ކުރުން ރަނގަޅު އަދި ބައެއް ވަގުތުތަކުގައި ނުކޮށް ދޫކޮށްލަންޖެހޭ ކަންކަމުގެ ލިސްޓެކެވެ.

ޖިމް ނިންމާލުމަށް ފަހު ނިދާލަން ވަރަށް ފަސޭހަވެ އެވެ. ވޯކްއައުޓް ހަދާލުމުން ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރުކޮށްދީ، ސްޓްރެސް ކުޑަކޮށްލަ އެވެ. ރޭގަނޑު ރަނގަޅަށް ނިދުމުން ހެނދުނު ވަޒީފާ އަށް ދިއުމަށް ހޭލަން ވެސް ފަސޭހައަކަށް ވާނެ އެވެ. އެކަމަކު ރޭގަނޑު ކަސްރަތުކުރާ ނަމަ ނިދުމުގެ ތިން ގަޑި އިރު ކުރިން ކަސްރަތު ނިމެންވާނެ އެވެ.

އަރާމު ނިންޖަކުން ނިދާލުމަށް ފަހު ފަތިސް ނުވަނީސް ހޭލާފައި ކެއުމަކީ ވަރަށް ގޯސް އާދައެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ލުއި ގޮތަކަށް ކެއުން ހަމަޖައްސާލާށެވެ. ފެޓް، ލޮނު އަދި ކެލޮރީސް މަދު ކޮށްލާށެވެ. ފަހުން ބަނޑުހައިވެގެން ކާލަން އެންމެ ރަނގަޅު ވާނީ ހަޖަމް ކޮށްލަން ފަސޭހަ، ޓޯސްޓެއް ނުވަތަ ޔޯގަޓެއް ކަހަލަ ލުއި އެއްޗެކެވެ.

ރޭގަނޑު ނިދުމުގެ ކުރިން ދަތް ނޫނގުޅާ ނަމަ، ހޭލާއިރު ދަތުގައި ހުންނަ ބެކްޓީރިއާ އިތުރަށް ގިނަވާނެ އެވެ. ދަތް ނޫނގުޅައި މައުތުވޮޝް ބޭނުންކުރާ ނަމަ ވެސް މިފަދަ ކަންކަމުން ރައްކާތެރި ވެވޭނެ އެވެ. ދަތް އުނގުޅުމަށް ފަރުވާކުޑަކުރާ ނަމަ އެހެން ބައެއް ބަލިތަކަށް މަގު ފަހިވެ އެވެ.

ރޭގަނޑު ނުނިދާ އުޅުމުން ހަށިގަނޑުން އެތައް ހަކަތައެއް ބޭކާރު ވެގެން ދެ އެވެ. އަދި ޖެހިގެން އަންނަ ދުވަހު ހަކުރާއި ފެޓް ހުންނަ ކާނާ ކާހިތްވާލެއް ބޮޑުވެ އެވެ. ރޭގަނޑު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަ ނުކޮށްފި ނަމަ ހަށިގަނޑުގައި ސަރުބީ އިތުރުވެ އެވެ. މިގޮތަށް ހަށިގަނޑުގައި އިތުރުވާ ސަރުބީގެ ސަބަބުން ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ. ވަޒީފާއަކަށް ދާ ހޭލަންޖެހޭ ނަމަ މަދުވެގެން 8 ގަޑި އިރުގެ ނިދި ބޭނުންވާނެ އެވެ.

މޫނު ދޮންނަ އިރު ސްކްރަބްކުރުމާއި މާބޮޑަށް މޫނު އުނގުޅަން ބޭނުން ނުވެދާނެ އެވެ. ހާއްސަކޮށް، ޑްރައި ހަނގަނޑެއް ނަމަ އެވެ. ނަމަވެސް ދުވަސް ނިންމާލުމަށް ފަހު، މޫނުގައި ހުރި މޭކަޕްތަކާއި ހަޑިތަކެއް ދޮވެ ސާފުކުރަން ވާނެ އެވެ. މޫނުގައި ހުންނަ ޖަރާސީމުތައް ފިލުވާލުމުން މޫނުގައި ބިހި ނެގުން މަދުވެ، ލޮލުގެ އިންފެކްޝަންތަކުން ދުރުކޮށްދޭނެ އެވެ. އަދި މޮއިސްޗަރައިޒް ކުރުމުން އިތުރަށް ރައްކާތެރިވާނެ އެވެ.