23 އޯގަސްޓް 2021 - 12:39

ބަރުލަމާނީ ނިޒާމު ގެނައުމަށް ޓަކައި ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފައިވާ ޕެޓިޝަންގައި މިހާތަނަށް ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނުވަ މެމްބަރުން ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސަށް ބާރު އަޅަން އެމްޑީޕީގެ އާންމު މެންބަރުންތަކެއް ޕެޓިޝަނެއް އެކުލަވާލައި ސޮއި ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2023 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން އެ މަސައްކަތުގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީ މެންބަރުންތައް ޕެޓިޝަންގައި ސޮއިކުރަން ފަށާފައިވާ ކަމަށާއި އިތުރު މެންބަރުންތަކެއް މިއަދު ވެސް ސޮއި ކުރައްވާނެ ކަަމަށެވެ.
- ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)
- މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ނިޝާން ވިދާޅުވީ ޕެޓިޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއި ހޯދުމުގެ މަސައްކަތް އެއްފަހަރާ ކުރިއަށް ދާ ކަމަށެވެ. އަދި ޓާގެޓަކީ 100،000 ސޮއި ހަމަކުރުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕެޓިޝަން ރައީސަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެޓިޝަންގައި ބުނާ ގޮތުން 2018 ގައި އެމްޑީޕީގެ ފަރާތުން ނެރުނު "ޖަޒީރާ މެނިފެސްޓޯ" ގައި ވެސް ބޮޑުވަޒީރަކު ގެނައުން ވަނީ ހިމަނާފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވައުދު ފުއްދަން ޖެހެ އެވެ. ނަމަވެސް ޖަޒީރާ މެނިފެސްޓޯ އަށް ފަހު ނެރުނު "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" ގައި އެ ބައި ނުހިމެނެ އެވެ.
ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.