22 އޯގަސްޓް 2021 - 13:38

އެކި ސަބަބުތަކާހުރެ އިންޑިއާ ޓޫރިސްޓުންގެ ބުކިންތައް މަދުވަމުން އަންނަ ކަމަށް ގެސްޓު ހައުސްތަކުން ބުނެފި އެވެ.
ގެސްޓު ހައުސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަން (ސައުދު) "މިހާރު" އަށް ވިދާޅުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބުކިންއަށް ލިބުނު ރިކުއެސްޓުތަކާ އަޅާބަލާއިރު މިހާރު ލިބޭ ރިކުއެސްޓުތައް ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖެއާ މެދު އެ ގައުމުގެ ރައްޔިތުން ދެކޭ ގޮތް ގޯސްވުމުން އައި ބަދަލެކެވެ.
އޭނާ ވިދާޅުވީ ފޭކު ބުކިންތަކުގެ ސަބަބުން އިންޑިއާ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ ނަން ކިލަނބުވެފައިވާ ކަމަށެވެ. އަދި ބައެއް ތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމަކީ ވެސް ބުކިންތަކަށް އަސަރު ކުރާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްރޯޑް ހަދައިގެން ބުކިންތަކުގައި މީހުން ގެންނަ މައްސަލަ މިހާރު ވަރަށް ބޮޑު. އެކަމުގެ ސަބަބުން އެ ގައުމުގައި ރާއްޖޭގެ ރެޕިއުޓޭޝަން ގެއްލެމުން ދަނީ. އަނެއްކާ ގެނެސް ބައިތިއްބާ ތަންތަނުގެ ވާހަކަ ވެސް ރާއްޖެ އައިސް ދާ ޓޫރިސްޓުން ދައްކަންޏާ އެވެސް ރާއްޖެއަށް ލިބޭ ހަޑި ނަމެއް،" ސައުދު ވިދާޅުވި އެވެ.
ހުޅުމާލޭގެ ނޫމޫ ގެސްޓު ހައުސްގެ ވެރިޔާ އަހުމަދު ވަހީދު ވިދާޅުވީ މިވަގުތު ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއެއް ފުލްކޮށް ހުރުމުން އޮންލައިން ޓްރެވަލް އެޖެންސީތަކުން ބުކިން ހެއްދުން މެދުކަނޑާލާފައިވާ ކަަމަށެވެ. މިއީ ވެސް އިންޑިއާގެ ބުކިންތައް މަދުވާން ދިމާވި ސަބަބެއް ކަމަށް އޭނާ ލަފާކުރައްވަ އެވެ.
"މިހާރު އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ހުރިހާ ތަނެއް ހުރީ ފުލްކޮށް. އެހެންވެ އޯޓީތަކުގައި ވެސް ބުކިންތައް ނެގުން މަޑުޖައްސާލައި ރާއްޖެ ބްލޮކް ކޮށްފައި ހުރީ. އެހެންވެ އެތަންތަން މެދުވެރިކޮށް ބުކިން ހައްދަން ބޭނުންވާ މީހުންނަށް މިހާރު ބުކިން ނުހެއްދޭނެ،" އަހުމަދު ވިދާޅުވި އެވެ.
ގެސްޓު ހައުސްތައް ހިންގާ ވިޔަފާރިވެރިން ބުނި ގޮތުގައި އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރުމަކީ ވެސް އިންޑިއާގެ މާކެޓުން މީހުން އައުން މަދުވާ ސަބަބެކެވެ. އެއީ އެ ގައުމުން ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކަށް ދާން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމުގެ ބޭނުމުގައި ކަމަށްވާތީ އެވެ.
ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އިންޑިއާ ޓޫރިސްޓުން އަންނަން ފެށީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ. އެއީ އިންޑިއާގައި ކޮވިޑް-19 ފެތުރުން އިތުރުވުމުގެ ސަބަބުން ގިނަ ގައުމުތަކުން އިންޑިއާ އިން ދަތުރުކުރުން މަނާ ކުރުމުންނެވެ. ނަމަވެސް މިހާރު ބައެއް ގައުމުތަކުން ވަނީ އިންޑިއާއިން ދަތުރު ކުރުމުގެ ހުއްދަ އަލުން ދީފަ އެވެ.