ހަ ރަށެއްގައި ބީއެމްއެލް އިން އިޖުތިމާއީ ހަރަކާތްތައް ހިންގައިފި
ހަ ރަށެއްގައި ބީއެމްއެލް އިން އިޖުތިމާއީ ހަރަކާތްތައް ހިންގައިފި

ދުނިޔޭގެ އިންސާނިއްޔަތު ކަމުގެ ދުވަސް ފާހަގަ ކުރުމަށް ހަ ރަށެއްގައި ބީއެމްއެލް އިން އިޖުތިމާއީ ހަރަކާތްތަކެއް ބާއްވައިފި އެވެ.

ހަ ރަށެއްގައި ބީއެމްއެލް އިން އިޖުތިމާއީ ހަރަކާތްތައް ހިންގައިފި
ހަ ރަށެއްގައި ބީއެމްއެލް އިން އިޖުތިމާއީ ހަރަކާތްތައް ހިންގައިފި

ބީއެމްއެލްގެ ބްރާންޗުތައް ހިމެނޭ ރަށްތަކުގައި މި ހަރަކާތްތައް ހިންގީ އެ ބޭންކުގެ މުވައްޒަފުން ގުޅިގެންނެވެ. މި ހަރަކާތްތައް ހިންގާފައި ވަނީ ށ. ފުނަދު އާއި ނ. މަނަދު އާއި ފ. ނިލަންދު އާއި ތ. ގުރައިދު އާއި ގދ. ތިނަދޫ އަދި އައްޑޫގަ އެވެ.

މި ހަރަކާތުގެ ދަށުން ފުނަދޫ ބަނދަރުގައި ހުރި ހަޓު ސާފުކޮށް ކުޑަދޮރުގައި ބްލައިންޑްސް ހަރުކޮށްފައިވާއިރު މަނަދޫގެ އިރުމަތީ ފަރާތުގެ ބީޗު ސަރަހައްދުގައި 25 ޖޯލި އަދި ކުޑަކުދިން ބޭނުން ކުރުމަށް އުނދޯލި ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި ނިލަންދޫގައި ހިންގި ހަރަކާތުގެ ދަށުން އެ ރަށުގެ ބީޗު ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްބިން ބަހައްޓައި ފެންވަރާނެ ތަނަކާއި ބާބަކިއު ސްޓޭންޑެއް ވެސް ވަނީ ބަހައްޓައިފަ އެވެ.

މި ހަރަކާތުގައި ގުރައިދޫ ބްރާންޗުގެ މުވައްޒަފުން ވަނީ އެ ރަށުގެ ޔޫތު ސެންޓަރުގައި ކުލަ ލައި އެ ސެންޓަރުގައި ހުރި ލައިޓުތައް ބަދަލުކޮށްފަ އެވެ. އަދި ތިނަދޫ ބްރާންޗުގެ މުވައްޒަފުން އެ ރަށުގެ މިއުޒިއަމް ޕާކުގައި ކުލަލާފައިވާއިރު އައްޑޫ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި ގަން ބްރާންޗުގެ މުވައްޒަފުން އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުން ގުޅިގެން ވަނީ "ހަންކެޑަ" ޕިކްނިކް ސަރަހައްދު ސާފުކޮށް، ޑަސްބިން ބަހައްޓައި ނަން ބޯޑު ވެސް ހަރުކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އަތޮޅުތަކުގެ ބްރާންޗުތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާ އަށް ހިންގުނު ހަރަކާތްތަކެއް ކަމަށެވެ.

ބޭންކުގެ މުވައްޒަފުން ވަނީ މިދިޔަ މާޗު މަހު ވެސް މިފަދަ ހަރަކާތްތައް އެކި ރަށްތަކުގައި ހިންގައިފަ އެވެ.