22 އޯގަސްޓް 2021 - 12:15

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ހުރިހާ ކެނޑިޑޭޓުންނަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި އެންމެ ފަހު ބަސް ބުނާ މަޖިލީހެވެ. އެ މަޖިލީހުގެ އިންތިހާބު މި އަހަރުގެ ތެރޭގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޓުވީޓެއް ކުރައްވަމުން ނަޝީދު ވަނީ ބަރުލަމާނީ އެ ނިޒާމަށް ތާއީދު ކުރާ ހުރިހާ ކެނޑިޑޭޓުން އެންޑޯޒް ކުރައްވައިފަ އެވެ.
"އެމްޑީޕީގެ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް އަޅުގަނޑު ތާއީދުކުރަން،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ އާންމު މެންބަރުންތަކެއް އަންނަނީ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
މިހާރު ހިނގާ ރިޔާސީ ދައުރުގެ މެދުތެރެއިން ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި 2018 ގައި އެމްޑީޕީގެ ފަރާތުން ނެރުނު "ޖަޒީރާ މެނިފެސްޓޯ" ގައި ވެސް ބޮޑުވަޒީރަކު ގެނައުން ވަނީ ހިމަނައިފަ އެވެ. ނަމަވެސް އޭގެ ފަހުން ކޯލިޝަނުން ނެރުނު "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ"ގައި އެ ވައުދެއް ނުހިމެނެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މިދިޔަ މެއި މަހު 29 ގައެވެ. ނަމަވެސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އާ ގުޅިގެން ޕާޓީގެ އެއްބާރުލުން ވަރުގަދަ ކުރަން މުހިންމު ކަމަށާއި އެހެންވެ އިންތިހާބު ފަސް ކުރުމާމެދު ވިސްނާލަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.