އިޒްރޭލުން ގާޒާ އަށް ހަމަލާތަކެއް ދީފި
އިޒްރޭލުން ގާޒާ އަށް ހަމަލާތަކެއް ދީފި

އިޒްރޭލް ސިފައިން ވައިގެ މަގުން ފަލަސްތީނުގެ ހަނގުރާމަވެރިންގެ އަމާޒުތަކަކަށް ކަމަށް ބުނެ، ގާޒާގެ ތެރެއަށް ރޭ ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލު ސިފައިން ވައިގެ މަގުން ހަމަލާތަކެއް މި ދިނީ، އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކަށް ފަހު އެވެ. ޔަހޫދީން މަސްޖިދުލް އަގްސާގައި ހުޅުޖެހި ހާދިސާ އަށް 52 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ގާޒާގެ އިރުމަތީ ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ބޭއްވި އެއްވުމަކަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހުރަސް އަޅަން އުޅުމުން، އުފެދުނު ހަމަނުޖެހުންތައް މައިތިރި ކުރަން، އިޒްރޭލު ފުލުހުން ވަނީ ކަރުނަގޭސް ޖަހައިފަ އެވެ.

އޭގެ އިތުރުން، ގާޒާގެ އިރުމަތީ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ދިމާލަށް ގާ އުކި، ފަލަސްތީނުގެ ޒުވާނުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 41 މީހަކު ޒަހަމްވި އެވެ. އޭގެ ތެރޭގައި ނޫހެއްގައި މަސައްކަތްކުރާ ފޮޓޯގްރާފަރެއް ވެސް ހިމެނެ އެވެ.

އިޒްރޭލު ސިފައިން ބުނި ގޮތުގައި، ފަލަސްތީނުގެ އާންމުންގެ ބަޔަކު އިޒްރޭލު ސިފައިންގެ ބައެއްގެ ތެރެއަށް ފިސްތޯލަ ޖެހުމުގެ ސަބަބުން، ސިފައިންގެ މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

ރައްދުގައި އިޒްރޭލު ސިފައިން ވައިގެ މަގުން ރޭ ތިން ފަހަރެއްގެ މަތިން ގާޒާ އަށް ހަމަލާ ދިނެވެ. އިޒްރޭލުގެ ހަމަލާތައް އަމާޒުކުރީ ގާޒާގެ މެދުތެރޭގައި އޮންނަ ފޭލިގެ ސަރަހައްދަކަށެވެ. އެއީ ހަމާސްގެ ހަނގުރާމަވެރިން ދިރިއުޅޭ ކަމަށް ޝައްކުކުރެވޭ ސަރަހައްދެއް ކަމަށާއި، ހަމާސްގެ ހަނގުރާމަވެރިން ތިބި ކަމަށް ބެލެވޭ ތަނަކަށް، އިޒްރޭލުގެ މަތިންދާބޯޓުތަކުން ތިން މިސައިލް ފޮނުވައިލި ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

އިއްޔެ އަކީ އޮގަސްޓް 21، 1969 ގައި، ޔަހޫދީ ވަޒަންވެރިއަކު މަސްޖިދުލް އަގްސާގައި ހުޅުޖެހި ހާދިސާ އަށް 52 އަހަރު ފުރުނު ދުވަހެވެ. އެ ހާދިސާގައި މަސްޖިދުލް އަގްސާގެ އިރުމަތީ ފަޅީގެ ބޮޑު ބައެއް އަނދައިގެން ދިޔަ އެވެ. އޭގެ ތެރޭގައި މިސްކިތުގެ މިހުރާބުގޭ ކައިރީގައި ހުރި، ސަލާހުއްދީނުލް އައްޔޫބީގެ މިންބަރުކޮޅު ވެސް ހިމެނެ އެވެ.

ވައިގެ މަގުން ހަމަލާ ދިނުމަށް ފަހު، އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ، މިސައިލުން ދިފާއުވާ އެކަތައިގެ ގުއްބު ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އެއީ ރައްދުގައި ހަމާސް ޖަމާއަތުން ރޮކެޓް ހަމަލާތަކެއް ދީފާނެ ކަމަށް ބަލައިފަ އެވެ.