ގެސްޓު ޝޮޕްތަކުން މަނާ ތަކެތި ވިއްކާތީ އެކަން ހުއްޓާލަން އަންގައިފި
ގެސްޓު ޝޮޕްތަކުން މަނާ ތަކެތި ވިއްކާތީ އެކަން ހުއްޓާލަން އަންގައިފި

ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ވިއްކުން މަނާކޮށްފައިވާ ބައެއް ތަކެތި ގެސްޓް ޝޮޕްތަކުގައި ވިއްކާތީ އެކަން ހުއްޓާލަން ފިޝަރީޒް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭނުމާއި ހިފުމާއި ނެގުމާއި މެރުން މަނާ ބައެއް ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއްސާއި އެފަދަ އެއްޗެހިން އުފައްދާފައިވާ ބައެއް ތަކެތި ވިއްކުމާއި ވިޔަފާރިކުރާ ތަންތަނުގައި ޑިސްޕްލޭކޮށްފައި ބަހައްޓާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ތަކެތިން ވިޔަފާރިކުރުމާއި ވިޔަފާރިކުރާ ތަނެއްގައި ނުވަތަ އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުމަކީ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން، ޖެނުއަރީ 1، 2020 އިން ފެށިގެން މަނާ ކަމެކެވެ.

މި ގަވައިދުގެ ދަށުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރާއި މުރަކައިގެ ބައެއް ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް ވަރަށް މަދުން ނަމަވެސް، އަދިވެސް ފިހާރަތަކުގައި ވިއްކަން ޑިސްޕްލޭކޮށްފައި ހުންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ގަވައިދާ ހިލާފުވާ ނަމަ މަސްވެރިކަމުގެ ގާނޫނާއި ގަވައިދުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މި އިއުލާނާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ޒިޔާދު "މިހާރު" އަށް ވިދާޅުވީ، އާންމުކޮށް ރަށްރަށުގެ ގެސްޓް ޝޮޕްތަކުގައި، މަނާ ބާވަތްތަކުގެ ތަކެތި ވިއްކަން އަދިވެސް ބަހައްޓައިފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވެނީ މިއަހަރު ތަންފީޒުކުރަން ފެށި އާ ގަވާއިދަށް އަދިވެސް ވިޔަފާރީތަކުން ހޭލުންތެރިވެފައި ނެތީމަހެން މިހެން މި ވަނީ. އެހެންވެ، އެ ހޭލުންތެރިކަން ވެސް އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ މި އިއުލާންކޮށްފައި ވަނީ،" ޒިޔާދު ވިދާޅުވި އެވެ.

މި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު، މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިދާރީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.