22 އޯގަސްޓް 2021 - 15:49

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން އެދިއްޖެ އެވެ.

ފުއްގިރީގެ މައްސަލައިގައި ދެ ދައުވާއެއް ދައުލަތުން ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ އެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދީފަ އެވެ. އެ އަޑުއެހުުގައި ދެ ފަރާތުން ވަނީ ހެކި ހުށަހަޅައިފަ އެވެ. ދައުލަތުން ޝަފަހީ އަދި ކިތާބީ ހެކި ހިމެނޭހެން 86 ހެއްކެއް ހުށަހެޅި އެވެ.
މިއަދު އޮތް އަޑުއެހުމަކީ އެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. ދައުލަތުން ހުށަހެޅީ އެންމެ ހުށަހެޅުމެކެވެ. އެއީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މޮބައިލް ފޮރެންސިކް ރިޕޯޓުގެ އެނެކްސް ހިމެނޭ ސީޑީ އާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުގެ އެނެކްސްގައި ހިމެނޭ މައުލޫމާތު ރައްކާތެރިކުރުމުގެ އަމުރެއް ނެދެދިނުމަށެވެ.
ދައުލަތުގެ ވަކީލު ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، އެ އެނެކްސްތަކުގައި ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށެވެ. އަދި އޭގައިވާ މައުލޫމާތުތަކަކީ މިހާރު ވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތުތަކެއް ކަމަށް ވިދާޅުވި އެވެ. ތަހުގީގު ކުރިއަށްދަނިކޮށް، އެ އެނެކްސްތަކުގައިވާ މައުލޫމާތު ދޫކޮށްލައިފި ނަމަ މުޖުތަމައަށް މައުލޫމާތު ބޭރުވެ، ތަހުގީގަށް ހުރަސްއެޅިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭގައި ޒާތީ މައުލޫމާތު ހިމެނޭ މީހުންގެ ހައްގުތައް ވެސް ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ދިފާއުން އެކަމާ ދެކޮޅު ހެދި އެވެ. ހެކި ރައްކާތެރިކުރަން އެދުނު ސަބަބަކީ ގާނޫނުން ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށް ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވި އެވެ. ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތައް ދިފާއަށް ދޫކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެ ލިޔުމަކީ ދައުލަތުން ދައުވާ ސާބިތުކުރަން ބަރޯސާވާ އެއްޗަކަށް ވާއިރު އެ ލިޔުން ދިފާއަށް ވެސް ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އެފަދަ ލިޔުމެއް ނުދޭން އަންގާނެ ސަބަބުތައް ބަޔާންކޮށްފައިވާއިރު އޭގެ ސަބަބެއް މި މަައްސަލައިގައި ނެތް ކަމަށް ވެސް ޝިޔާޒު ވިދާޅުވި އެވެ. އަދި އެ ލިޔުން އާންމުކޮށްގެން ތަހުގީގަށް ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހަތަރު ހުށަހެޅުމެއް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ދައުލަތުގެ ޝަފަހީ ހެކިން ބަލައިނުގަތުމަށް އެދި ހުށަހެޅުމެކެވެ.
ދައުލަތުގެ ހެކިންގެ ތެރެއިން އަބްދުﷲ ޒިޔަތާއި އަހުމަދު އަދީބަކީ، ޔާމީނާ ދެކޮޅަށް ހެކި ހުށަހަޅަން ދައުލަތުން ތައްޔާރުކޮށްފައިވާ "މެޝިން" ތަކެއް ކަމަށެވެ. އެ މީހުންނަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ ދިވެހި އުންމަތުގެ ހައްގު ނަގާލާފައިވާ ފާސިގުންތަކެއް ކަމަށާއި އެ މީހުންގެ ހެކިބަސް މި މައްސަލައިގައި ބަލައިނުގަނެވޭނެ ކަމަށް ޔާމީންގެ ވަކީލް ޝިޔާޒް ވިދާޅުވި އެވެ.
މިކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވަނީ، މި ކުށުގެ ތޮބީއަތުގެ ގޮތުން ހެކިބަސް ދޭން ތިބެނީ ވެސް މައްސަލައިގައި ކުށުގައި ބައިވެރިވި، އެކަން ހިންގި ގޮތް އެނގޭ މީހުން ކަމަށެވެ. ކުށަށް އިއުތިރާފުވެ އެކަން ކުރި ގޮތް ކިޔައިދިނުމަކީ އާ ކަމެއް ނޫން ކަމާއި އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ކަމަށް ވިދާޅުވި އެވެ. ދިވެހި ގާނޫނުގައި ވެސް ކުށަށް އިއުތިރާފުވުމުން އަދަބަށް ލުއި ލިބޭކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ.
ބޭރު ގައުމެއްގެ މިސާލު ނަގަމުން ވަކީލު އައިޝަތު ވިދާޅުވީ، ބްރެޒިލްގެ ޕެޓްރޯބްރާސްގެ ކޮރަޕްޝަންގެ މައްސަލައިގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އިއުތިރާފުވެ، ތަހުގީގަށް އެކަން ހިނގި ގޮތް ކިޔައިދީފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކަށް ދައުވާ ކުރެވުނު ކަމަށް ވަކީލު ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅުވާލެވޭނެ ހެއްކާއި ގަރީނާ ވެސް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށާއި އެ ހެކިތަކުން އެ މީހުންގެ ވާހަކަތަކަށް ބުރަދަން ދެވޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެެ.
ދިފާއުން ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ދެން ތިބި ހެކިން ވެސް ބަލައިނުގަތުުމަށް އެދިފަ އެވެ. އެއީ އެ މީހުން ދައުލަތުގެ ދައުވާގެ އެއްވެސް ވާގިއާއަކާ ގުޅުމެއް ނެތް ކަމަށާއި ޔާމީނާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށް ބުނެ އެވެ.
އޭގެ ތެރޭގައި ސަން ކުންފުނީގެ ވެރިޔާ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ސަން ކުންފުނީގެ އިސް ފަރާތެއް ކަމަށްވާ ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ހިމެނެ އެވެ.
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީތަކާއި ބޭންކު ލިޔުންތަކާއި އެއްބަސްވުންތައް ފަދަ ލިޔުންތައް ވެސް މައްސަލައާ ނުގުޅޭ ކަމަށް ވިދާޅުވެ، އެ ހެކިތައް ވެސް ބަލައިނުގަތުމަށް އެދިފައިވެ އެވެ.
ނަމަވެސް ދައުލަތުގެ ވަކީލުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ދައުވާގެ ވާގިއާތަކާ ނުގުޅޭ ކަމަށް ދިފާއުން ބުނާ އިރު ކޮން ގާނޫނީ އަސާސެއްގެ ދަށުން ކަމަށް ދިފާއުން ބުނެފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ހާދިސާގެ ވަކި ނުކުތާއެއް ސާބިތުކުރަން ހެކި ހުށަހަޅަން ދައުލަތުގެ މައްޗަށް ލާޒިމު ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.
ކޮންމެ ހެއްކަކީ މައްސަލައިގެ ވަކި ވާގިއާއަކާ ގުޅޭ ހެއްކަކަށް ކޮންމެހެން ވާކަށް ނުޖެހޭ ކަމަށް ވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. ހެކި ބަލައިނުގަންނަންވީ ގާނޫނީ ސަބަބެއް ދިފާއުން ބުނެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީންގެ ފަރާތުން ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ، ހެކި ލިސްޓަށް ތިން ހެއްކެއް އިތުރުކޮށްފައިވާތީ މިއީ އާ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިއިށްގެންދަން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.
އޭގެ އިތުރުން، ދައުވާ ދެވަނަ ފަހަރަށް ހުށަހަޅައި އިބްތިދާއީ އަޑުއެހުމަށް ހާޒިރުވި އިރުވެސް ދައުވާ ލިބޭ ފަރާތައް ދައުވާ އިސްލާހު ކުރި ކަމުގެ ނޯޓިސްއެއް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ވަކީލު ސިޔާޒު ވިދާޅުވި އެވެ. އާންމު އުސޫލެއްގެ ގޮތުން ނޯޓިސް ސިޓީއަކުން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ދޭ ކަމަށާއި ނަމަވެސް، މި މައްސަލައިގައި އެފަދަ ގޮތަކަށް ވެސް ނޯޓިސް އެއް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ދައުލަތުން ބުނީ ދައުވާ ލިބޭ މީހަކީ ބަންދުކޮށްފައިވާ މީހަކަށް ވާ ނަމަ ސިޓީއެއް ނުވަތަ މެސެޖެއް ވެސް ނުކުރާނެ ކަމަށެވެ. އަދި ހެކި އިތުރުކޮށް ބަދަލެއް ގެނައިކަން ދިފާއަށް އެނގޭކަން ސާފު ކަމަށް ވިދާޅުވި އެވެ.
މައްސަލައިގައި އެކި މީހުންނަށް އެކި ތުހުމަތު ކުރެވުނު އިރު އެންމެންނަށް ވެސް ދީފައި ވަނީ އެއް ގާނޫނީ އިންޒާރު ކަމަށާއި ތަހުގީގުގައި ތުހުމަތުތައް ރަނގަޅަށް ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޔާމީންގެ ފަރާތުން ބުނެފައިވެ އެވެ. ފުއްގިރީގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި ރިޝްވަތު ހިފުން ފަދަ ކަމެއް ކުރިކަން ގާނޫނީ އިންޒާރުގައި ނެތުމުން ދިފާއު ބިނާކުރަން ހުރަސްއެޅިފައިވާ ކަމަށް ބުނެފައިވެ އެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ، ގާނޫނީ އިންޒާރު ދީފައި ވަނީ ދައުވާ ކުރެވިފައިވާ ކުށަށް ކަމަށެވެ.
މައްސަލައިގައި ހިމެނޭ އެންމެހާ ލިޔުންތައް ދިފާއަށް ލިބިދިނުމަށް ވެސް އެދިފައިވެ އެވެ. ދިފާއު ބިނާކުރުމަށް ހުރިހާ ލިޔުމެއް ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ދައުލަތުން ބައެއް ކިތާބީ ހެކި ސިއްރުކުރަން އެދިފައިވުމުން އެކަމަށް ދެކޮޅު ހެދި އެވެ.
ތިން ގަޑިއިރަށް ދިގުލައިގެން ދިޔަ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ދެން އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގެ ހެނދުނު ކަމަށާއި އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ފުއްގިރީގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ވެސް އެ ދުވަހު ނިންމަވާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ.
ޔާމީންގެ މައްސަލަ އާއި އެ ދެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ވަކިން ގެންދިޔަ ނަމަވެސް ޝަރީއަތުގެ މަރުހަލާ ގެންދަން ނިންމާފައި ވަނީ އެކުއެކީގަ އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް، މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ މި އަހަރުގެ އޭޕްރީލް 29 އިން ފެށިގެން ޔާމީން ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގަ އެވެ.
މި މައްސަލައިގެ އިތުރުން ވ. އާރަށް ދޫކުރި މުއާމަލާތުގެ ތެރެއިން ވެސް ފައިސާތަކެއް ނެންގެވި ކަމުގެ ތުހުމަތު ޔާމީނަށް ކުރެވެ އެވެ. އެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު ވަރަށް ފަަހުން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.