މެޗު އަތުން ދޫވި ގޮތް ކިޔައިދޭކަށް ވެސް ނޭނގޭ: ރިސްޓޯ
މެޗު އަތުން ދޫވި ގޮތް ކިޔައިދޭކަށް ވެސް ނޭނގޭ: ރިސްޓޯ

އޭއެފްސީ ކަޕުގައި ރޭ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ދެ ވަނަ ހާފުގައި މެޗު އަތުން ދޫވެގެން ދިޔަ ގޮތް ތަފްސީލު ކޮށްދޭނެ ގޮތެއް ނޭނގޭ ކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓްގައި މާޒިޔާއިން ލިޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ އިބްރާހިމް އައިސަމް (ޓޯނީ) އެވެ. ލީޑުގައި އޮވެގެން ފުރަތަމަ ހާފު މާޒިޔާ އިން ނިންމާލި އެވެ.

"ފުރަތަމަ 45 މިނެޓް ވަރަށް ރަނގަޅަށް އަހަރެމެން ކުޅުނިން. ވަރަށް ބޮޑަށް ކޮމްޕެކްޓްކޮށް އަދި ޑިފެންސްގައި ވެސް ވަރަށް ސޮލިޑްކޮށް އަހަރެމެން ކުޅުނިން. އެގޮތަށް ކުޅެގެން އަހަރެމެން ލީޑު ނެގީ،" ފުރަތަމަ ހާފު އެނަލައިޒް ކޮށްދެމުން ރިސްޓޯ ބުންޏެވެ.

ނަމަވެސް ދެ ވަނަ ހާފު ތަފްސީލު ކޮށްދޭނެ ގޮތެއް ރިސްޓޯއަކަށް ނޭނގުނެވެ. އޭނާ ބުނީ ދެ ވަނަ ހާފުގައި އެހާ ޖާގަ ދީގެން މާޒިޔާގެ ޓީމު ކުޅެން ޖެހޭނެ ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓްގައި މޯހަން ބަގާން އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުން ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓްގަ އެވެ.

"އަހަރެމެން ކޮޅަށް ވަނީ ވަރަށް ފަސޭހަ ގޯލްތަކެއް. ހާއްސަކޮށް ފުރަތަމަ ދެ ގޯލް،" ރިސްޓޯ ބުންޏެވެ. "އަހަންނަކަށް ނޭނގެ ދެ ވަނަ ހާފުގައި އެހާ ޖާގަ ދީގެން އަހަރެމެން ކުޅެން ޖެހޭ ސަބަބެއް. މި ސަބަބު ދެނެގަންނަން އަހަރެމެން ޖެހޭނީ މެޗު އަލުން ބަލައި އެނަލައިޒް ކުރަން."

ރޭގެ މެޗުން ބަލިވެ މާޒިޔާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ކުޅުނު ދެ މެޗުން އެ ޓީމު ކޮޅަށް ފަސް ލަނޑު ވަނެވެ. ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ މާޒިޔާ އިން ނުކުންނާނީ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ރިސްޓޯ ބުނީ ނާކާމިޔާބުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

"އަހަންނަކީ ކޯޗު. އެހެންވީމަ އަހަރެން ޖެހޭނެ ޒިންމާ ނަގަން. ޒިންމާ އިން ރެކޭކަށް އަހަރެން ނޫޅެން. މެޗުގައި ވީގޮތް ސާފު ކުރަން އަހަރެން މެޗު އެނަލައިޒް ކުރާނަން. ފުރަތަމަ 45 މިނެޓް ވަރަށް ރަނގަޅަށް އަހަރެމެން ކުޅުނިން. ދެ ވަނަ ހާފުގައި ވީގޮތެއް އަހަންނަކަށް ނޭނގެ،" ރިސްޓޯ ބުންޏެވެ.

މި ގުރޫޕުގައި މިހާރު ފޭވަރިޓަކީ މޯހަން ބަގާން އެވެ. ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައި އެ ޓީމު އޮތީ ގުރޫޕްގެ އެއް ވަނައިގަ އެވެ. ދެކުނު އޭޝިއާ ޒޯން އިން އަނެއް ބުރަށްް، (އިންޓަ ޒޯން ސެމީ ފައިނަލް ޕްލޭއޮފް އަށް) ދަތުރު ކުރާނީ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ. އެއް ވަނަ އަށް ދާ ޓީމު ކަށަވަރު ވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަށުންދަރާ ކިންގްސް ބައްދަލު ކުރާ މެޗުންނެވެ. މެޗު އެއްވަރު ކޮށްލިޔަސް މޯހަން ބަގާން އަނެއް ބުރަށް ދާނެ އެވެ.