22 އޯގަސްޓް 2021 - 15:17

ކޮވިޑް ފެތުރޭތީ މޮނިޓަރިންގައި ބޭއްވުމަށް ފަހު މި މަހު ކުރީކޮޅު މޮނީޓަރިން އުވާލި ފުވައްމުލަކުގައި ބަލީގެ ކޭސްތައް އަނެއްކާވެސް ގިނަވެ އަލުން މޮނިޓަރިން އަށް ލައިފި އެވެ.
ފުވައްމުލަކު ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީގް "މިހާރު" އަށް ވިދާޅުވީ، ރަށް މޮނީޓަރިިންއަށް ލާފައިވައިވާކަން އެޗްޕީއޭއިން އިއްޔެ އަންގާފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ފުވައްމުލަކުން އިއްޔެ އެކަނި ވެސް ކޮވިޑްގެ 11 ކޭސް ފެނުނެވެ. މިވަގުތު ފުވައްމަލަކުގައި އެކްޓިވް ކޭސްގެ އަދަދަކީ 163 އެވެ.
ކޮވިޑްގެ ނުރައްކާ ފުވައްމުލަކުގައި ބޮޑުވުމުން ގްރޭޑް 9 އިން ދަށުގެ ކުދިން ސްކޫލަށް ގޮސްގެން ކިޔެވުން ވެސް ވަނީ މި ވަގުތަށް މެދުކަނޑާލައިފަ އެވެ.
ފުވައްމުލަކުގައި ކޭސްތައް އިތުރުވާތީ ފުވައްމުލަކު ކައުންސިލާއި ފުލުހުން ގުޅިގެން ވަނީ، ކޮވިޑް ކޮންޓްރޯލްކުރުމަށް އެ ރަށުގައި ކަނޑައަޅާފައިވާ ގައިޑްލައިނުތަކަށް މީހުން އަމަލު ކުރޭތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށައިފަ އެވެ. މި އިންސްޕެކްޝަނުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އިތުރުން ފިހާރަތަކުން ހިދުމަތް ދެމުން އަންނަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މޭޔަރު ވިދާޅުވީ މީގެ ކުރިން ވެސް ފުވައްމުލަކު އެކި ފަހަރު މަތިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު އެންމެ ފަހުން ރަށް މޮނީޓަރިން އަށް ލުމަށްފަހު މޮނީޓަރިން އުވާލީ ތިން މަސް ފަހުން ކަމަށެވެ.
ފުވައްމުލަކާ އެކު މި ވަގުތު ރާއްޖޭގައި 19 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.