28 ނޮވެމްބަރ 2016 - 19:08

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ފާސްނުކުރަން އެމްޑީޕީން ނެރުނު ވިޕާ ޚިލާފުވި ހަތް މެމްބަރަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޕާޓީން ވަކި ކުރަން ނިންމާފައިވާ އަލްހާން ފަހުމީ އެމްޑީޕީގެ ފިިޔަވަޅު އަޅާ ކޮމެޓީއަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީއަށް އަލްހާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު، ދައުލަތުގެ ބަޖެޓު ފާސްކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބަޖެޓު ފާސް ނުކުރަން ރެޑްލައިން ވިޕެއް ނެރެފަ އެވެ.
ނަމަވެސް އެމްޑީޕީން ނެރުނު ވިޕާ ޚިލާފަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދުދީދީ އަމަލުކުރެއްވި ކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ.
އެހެންވެ، އަލްހާން އެދިވަޑައިގަތީ ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާ ކޮމެޓީން މައްސަލަ ބަލައިގަތް ކަމުގެ ލިޔުން އޭނާއާ ހަވާލު ކުރުމަށެވެ.
ހަތް މެމްބަރުންގެ ތެރެއިން މޫސަ އާއި ޝަރީފާއި ދީދީ ވޯޓު ދެއްވީ ބަޖެޓު ދިރާސާ ކޮމެޓީން ނިންމި ގޮތަށް ބަޖެޓު ފާސް ކުރުމަށެވެ. ބަޖެޓަށް ވޯޓަށް އެހި ގަޑީގައި މާރިޔާ އާއި ފަލާހާއި ނާޝިދާއި ނަސީރު މަޖިލީހުގެ ތަޅުމުގައި ވަޑައިގެން ނެތެވެ.
ރައްޔިތުންގެ މަޖިލީހުން 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.
އަލްހާން އެމްޑީޕީން ވަކިކުރަން ނިންމައި އެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ޕާޓީން އަންގައިފަ އެވެ. އެއީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކުރައްވައި މައްސަލަ ހުށަހެޅުމުން ނިންމާފައިވާ ނިންމުމެކެވެ. ނަމަވެސް ޕާޓީން ވަކި ކުރި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.