22 އޯގަސްޓް 2021 - 08:02

ދުއާއަށް ދެ އަތް ނަގައިގެން ހުރެހުރެ އަަހަރެންގެ އަތް ވަރުބަލިވެއްޖެއެވެ. ސާބިތުކަމާއި އުފާވެރިކަމަށް އެދުނީމެވެ. ކާމިޔާބާއި ތޫނުފިލިކަމަށް އެދުނީމެވެ. ހިތްވަރާއި، ލޯތްބާއި، ތަނަވަސްކަމަށް އެދުނީމެވެ. ނުލިބުނެވެ. ދެ ހާސް އެކާވީސްވަނަ އަހަރާ ކުރިމަތިވީ، ދެ ހާސް ނަވާރަވަނަ އަހަރު ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމުން އަރައިނުގަނެވިގެން އުޅެނިކޮށެވެ. ފައްސިވާ މީހުން ވަނީ ގިނައެވެ. ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެއެވެ. މާލެ ފުރަބަންދުކުރުން ނޫން ގޮތެއް ނެތެވެ. ފުރަބަންދުކޮށްގެން ވާކަށް ވެސް ނެތެވެ. އަތްމަތި ދަތިވެއްޖެއެވެ. ވިޔަފާރިތައް ބަނގުރޫޓުވެއްޖެއެވެ. ފިހާރަތަކުން މުދާ މަދުވެއްޖެއެވެ. އަހަރެން ވަޒީފާއަދާކުރަނީ ގެދޮރު އިމާރާތްކުރާ ކުންފުންޏެއްގައެވެ. ފަތުއަޑުކިޔަަފައި ކުރިއަރަމުންދިޔަ ވިޔަފާރީގެ ދެ ކަށިމަތި ބިނދިއްޖެއެވެ. މަސައްކަތް މަޑުޖެހިއްޖެއެވެ. ބޭނުންވާ ސާމާނެއް ނުލިބެއެވެ. ބިދޭސީ މުވައްޒަފުން މަދުކޮށްލުމުން އެއިން ވެސް ބާރު ބޮޑުވީ އަހަރެންގެ ކަނދުރާއަށެވެ. ސަރުދާރެއް ކަމަކު، ސިމެންތި ބަސްތާ ކޮނޑުއަޅައިގެން އަހަރެން ވެސް ސިޑިން ނާރައެއް ފަރެއްނުޖެހެއެވެ.
އަހަރެންގެ އުމުރުން ފަސްދޮޅަސް އަހަރު ފުރުނު ދުވަހެވެ. ވާންވީ އުފާކަމެއް ކުރަންވީ ހިތާމަކަމެއް ނޭނގެއެވެ. އަހަންނަށް ސިއްރުން ކުދިވެރިން ކޭކެއް އެޅިކަން ވެސް ދެނަހުރީމެވެ. އެކަމަކު ގެއަށް ވަދެވޭނެ އިރެއް، އަރާމުކުރަން ތަންމަތީގައި އޮވެވޭނެ ދުވަހެއް އަހަންނަކަށް ނޭނގެއެވެ. ހަތަރު ދަރިންނާއި އަންބަކު އެބަ ހުއްޓެވެ. ޒަރޫރީ ބޭނުންތަކަށް ހަރަދުކޮށްފައި ރައްކާކުރާކަށް މާ ބޮޑު އެއްޗެއް ނޯވެއެވެ. ހިތަށްއަރައެވެ. އަހަރެން ކުރި ދުއާތަކަށް ވީ ކީއްހެއްޔެވެ؟
ހުރިހާ ކަމަކަށް ވިސްނަން އިންދައި އަސުރަށް ބަންގި ގޮވި އަޑު އިވުނެވެ. ހެނދުނު ބުއި ކޮފީތަށްޓާ އެކު މަސައްކަތް ފެށި ގޮތަށް، އަސުރު ވަގުތު ޖެހުނު އިރު ވެސް ހޮޓަލަކާ ހަމައަށް ދާނެ ފުރުސަތެެއް ނުލިބުނެވެ. ސީޓު އަޅާ ނިމެންދެން އެ ތަނުގައި އަހަރެން ހުންނަން ޖެހޭތީއެވެ. މަސައްކަތް ހިނގާނުހިނގާ ގޮތް ވަރަށް ގާތުން ބަލަން ޖެހެއެވެ. އަހަރެންގެ ވަޒީފާއަކީ އެއީއެވެ. ޒިންމާ ބޮޑު، ބުރަ ވަޒީފާއެކެވެ.
އަހަންނަކީ ގަޑިއަޅާ މީހެއް ނޫނެވެ. ވަގުތު ބަލަނީ ފޯނުންނެވެ. މަސައްކަތް ބަރާބަރަށް ހިނގައިގަތުމުން ގަޑި ބަލައިލަން ޖީބުގައި އަތްޖައްސައިލި އިރު، ފޯނެއް ނެތެވެ. ކުޑަ އިރުކޮޅެއް ކުރިން، ދަރިފުޅު އިސްކޫލަށް ލާން ގެއަށް ދިޔައީމެވެ. ދެވުނު ވަގުތު ފާހާނާއަށް ވެސް ވަނީމެވެ. ފޯނު ބޭއްވުނީ ފާހާނައިގައިކަން ޔަގީންވިއެވެ. ހިތަށްއެރިއެވެ. ކަމާކަންފަށާފައި ފޯނު ބަލާ ގެއަކަށް ނުދާނަމެވެ. ދެން ގެއަށް ވަންނާނީ މަސައްކަތް ނިންމައިލައިފައެވެ.
މަސައްކަތް ނިމުނީ ހަވީރު ހަޔެއް ޖަހަން އުޅެނިކޮށެވެ. އަހަރެން މިސްރާބު ޖެހީ ސައިހޮޓަލަކާ ދިމާއަށެވެ. ހޮޓަލަށް ވަދެ ކައިގެން ނުކުންނަމުން، ވެއިޓަރަށް ފަސް ރުފިޔާ ދިނީމެވެ. އަހަންނާ ދޭތެރޭގައި އޭނަ ބަހައްޓާ ހާއްސަކަމަށް ޓަކައެވެ. އެއީ އޭނަޔަށް ބޮޑު އެއްޗަކަށް ނުވެދާނެއެވެ. އަހަރެން ފަސްއެނބުރުމުން އޭނާ ގޮވައިލީ އެހެންވެގެން ހެއްޔެވެ؟ އަހަރެން ނުކުމެ ސައިކަލަށް އަރައި އިސްޓާޓު ކޮށްލުމާއެކު، ޕެޓްރޯލު ހުސްވާން ކައިރި ވެފައިވާ ކަމުގެ ސިގުނަލު ފެންނަން ފެށިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ފުރަތަމަ ދިޔައީ ޕެޓުރޯލުއަޅާށެވެ. އެ ތަނަށް ގޮސް ކިޔުގައި އިން އިރު، ލާރިދަބަސް ނަގައިފައި، ފައިސާ ހުރިތޯ ޔަގީން ކޮށްލީމެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. ފައިސާދަބަހުގައި އޮތީ އެންމެ ފަސް ރުފިޔާއާއި ދިހަ ރުފިޔާއެވެ. ގެއަށް ބޭނުންވާ ސާމާނު ގަންނަން ބޭއްވި ފަސް ސަތޭކަ ރުފިޔާގެ ނޫޓު ކޮބައި ހެއްޔެވެ؟ ކުއްލިއަކަށް ހަނދާންވިއެވެ. ވެއިޓަރަށް ހަދިޔާ ދިން އިރު ލާރިދަބަހުގައި އޮތީ ތިން ނޫޓެވެ. ފަސް ރުފިޔާ ކަމަށް ހީކޮށް، ވެއިޓަރަށް ފަސް ސަތޭކަ ރުފިޔާ ދެވުނީ ހެއްޔެވެ؟ އޭނަ ގޮވީ އެހެންވެ ހެއްޔެވެ؟
އަލުން އެ ފައިސާ ބަލައިދިޔުމަކީ ހުތުރުކަމެކެވެ. އެހެނަސް އަހަރެންނަކަށް އެ ނޫން ގޮތެއް ނެތެވެ. މަހުގެ ފަނަރަ ވަނަ ދުވަހެވެ. ބާކީ އޮތް ފަނަރަ ދުވަހު އަހަރެންގެ ކުދިކުދި ހަރަދުތައް ވެސް ހަމަޖައްސަން ޖެހޭނީ އެ ފައިސާއިންނެވެ. ޕެޓުރޯލަށް ދިހަ ރުފިޔާ ހަރަދުކޮށްފައި، ލަދުކަނޑައިލައިފައި ހޮޓަލަށް ދިޔަ އިރު އެ ވެއިޓަރުގެ ޑިއުޓީ ނިމިގެން އޭނަ ހިނގައްޖެއެވެ. އޭނަގެ ފޯނު ނަންބަރު ލިބުނެވެ. އަހަރެން އަތަކު ފޯނެއް ނެތެވެ. އޭނަ އުޅޭ ތަން އޮޅުންފިލުވައިގެން އެ ތަނަށް ގޮސްގެން ވެސް އޭނަޔަކާ ދިމައެއް ނުވިއެވެ. ހިތަށްއެރިއެވެ. މި ދިމާވީ ހާދަހާ ދެރަ ގޮތެކެވެ.
އަހަރުމެން މަސައްކަތް ކުރި ތަނަށް ގޮސް، މަސައްކަތް ކުރަން ގެންގުޅުނު ސާމާނުތައް ރައްކާ ކޮށްފައި ހުރީ ރަނގަޅަށްތޯ ބެލީމެވެ. ފަހަރެއްގައި ރޭގަނޑު މޫސުން ގޯސްވިޔަސް، ވަޔާ އެއްލާލައިފާނެ އެއްޗެއް އޮތިއްޔާ އެ ވެސް ހައްޔަރު ކުރުމަށް ފަހު، ގެއަށް ދަތުރު ފެށި އިރު ރޭގަނޑު ހަތެއް ޖަހައިފިއެވެ. އަހަރެން ހުރީ ވަރަށް ވަރުބަލި ވެފައެވެ. އަވަހަށް ގެއަށް ދިޔުމަށް ޓަކައި މަގު ކުރުކޮށްލީމެވެ. އަނދިރި، ހަނި ގޯޅިގަނޑަކަށް ވަނީމެވެ. އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. ގޯޅީގެ މެދަކާ ހަމައަށް ދެވުނު ތަނާ، ކުއްލިއަކަށް ބަޔަކު ސައިކަލު ކުރިމައްޗަށް އެރިއެވެ. ސައިކަލު ހުއްޓި ވަގުތު އަހަރެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ހަގީގަތުގައި އެ މީހުން ތިބީ މަޅިފަތި ޖަހައިގެން ސިކާރައެއްގެ އިންތިޒާރުގައެވެ. އަހަރެން ސައިކަލު މަޑުކުރީމެވެ.
"ވޮލެޓު ކޮބާ؟" އެކަކު ބުންޏެވެ.
އެކަކު އަތުގައި ވަޅިއެއް އޮތެވެ. ކޯވިޑްގެ ސަބަބުން އެންމެން ތިބީ މާސްކުއަޅައިގެންނެވެ. އަނެއްކޮޅުން ގޯޅި ނުލާހިކު އަނދިރިއެވެ. އަހަންނަށް ހެދޭނީ ކޮން ގަދައެއް ހެއްޔެވެ؟ ވަގުތުން ލާރިދަބަސް ހުޅުވައިލައިފައި ދައްކައިލީމެވެ. އޭގައި އޮތް ފަސް ރުފިޔާ ދިނީމެވެ. އަހަރެން އަތަކު ގަޑިއެއް ނެތެވެ. ފޯނެއް ނެތެވެ. އަހަރެންގެ ހުރިހާ ޖީބެއް ފާސް ކުރުމަށް ފަހު އަހަރެން ދޫކޮށްލިއެވެ. ގަޑި ނެތުމާއި، ފޯނު ނެތުމާއި، ފައިސާ ނެތުން ވެސް އެ ފަހަރު ވީ ރަނގަޅަކަށެވެ. ފަސް ސަތޭކަ ރުފިޔާ އޮތް ނަމަ އެ ފަހަރު އެ ވެސް ގެއްލުނީހެވެ. ހިތަށްއެރިއެވެ. ވަގުންނަށް ލިބުމަށް ވުރެ ވެއިޓަރަށް އެ ފައިސާ ލިބުން ވެސް މާ ރަނގަޅެވެ.
ގެއަށް އައިސް އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. ރުޅިއައުމުގެ ބަދަލުގައި އަހަންނަށް ކުރެވުނީ ޝުކުރެވެ. އަނިޔާއެއް ވެގެން ހޮސްޕިޓަލުގައި އޮންނަން ނުޖެހުނީތީއެވެ. ކުދިވެރިން ކޭކުފަޅައި، ފޮޓޯނަގައި ހެދި އިރު ވެސް އަހަންނަށް އިނދެވުނީ ފިކުރެއްގައެވެ. ދަރަންޏަށް ފައިސާކޮޅެއް ނުހޯދައި ދެކޮޅު ނުޖެއްސޭނެކަން އަހަންނަށް އެނގޭތީއެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން އަންހެނުންނަށް ޝައްކުވެގެން ސުވާލުކުރި ވެސް މެއެވެ.
"ފަސްދޮޅަސް އަހަރުވީއޭ،" ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. "ކާކު އުފާވާނީ؟"
"ދޮގެއް ވެސް ނޫން،" ހީނގެންފައި އަންހެނުން ބުންޏެވެ. "މާދަމާ ކުދިވެރިން ގޮވައިގެން ސަޔެއް ބޯލަން ހިނގާބަލަ! ދެވޭނެތަ؟"
ރިހޭ ފައި މައްޗަށް ވެއްޓުނީ ބަރު ފޮޔެކެވެ. އެކަމަކު ނޫނެކޭ ބުނާކަށް ނުކެރުނެވެ. ނިދުމުގެ ބަދަލުގައި، ބަހަނާއެއް ދައްކައިފައި އަހަރެން ނުކުތީމެވެ. ވެއިޓަރަށް ގުޅި އިރު އެ ފޯނު އޮތީ ނިވިފައެވެ. ދަރަންޏަށް ފައިސާކޮޅެއް ހޯދަން ދެތިން ރައްޓެއްސަކަށް ގުޅީމެވެ. އެންމެން ވެސް ދަތިކޮށް އުޅޭ ދުވަސްވަރެކެވެ. ސަތޭކަ ރުފިޔާ ވެސް ނުލިބުނެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނު ހޭލި އިރު ވެސް ނިކަން ގަދަޔަށް ބޮލުގަރިއްސައެވެ. ސަބަބު އެނގެއެވެ. އަހަރެންގެ ފިކުރުތައް މާ ބޮޑުވީއެވެ. އެހެނަސް، ނިތްކުރިމަތީގައި އަތް ބާއްވައިލައިގެން އޮތުން ވެސް އަހަރެންގެ ނަސީބަކު ނެތެވެ. ހަޔާތުގެ އެ ހިސާބަށް އައި އިރު ވެސް ފައިސާ ރައްކައެއް ނުކުރެވެއެވެ. އަހަރެންގެ އުފަންދުވަހެވެ. އަނބިދަރިން ގޮވައިގެން ސަޔެއް ބޯލަން ވެސް ދެވޭކަށް ނެތެވެ. ބޭނުންވީ ރޯލާށެވެ. އެކަމަކު، ހިނިތުންވުމާއެކު ގެއިން ނުކުތީމެވެ. މިންވަރަށް ޝުކުރުކުރުމަކީ އަހަރެންގެ އާދައެކެވެ. ގެއިން ނުކުމެވުނީ ރައްޓެއްސެއްގެ ކުރިމައްޗަށެވެ. އަހަރެންގެ އުފަންދުވަސް އޭނަޔަށް އެނގެއެވެ.
"ބާތުޑޭ ބޯއީ!" ސަމާސާ ރާގެއްގައި އޭނަ ބުންޏެވެ. "ހިނގާ ސަޔަށް."
އަހަރެން ގެއިން ނުކުތީ ސައިބޮއިގެންނެވެ. އެކަމަކު ނޫނެކޭ ބުނާކަށް ނުކެރުނެވެ. މަސައްކަތްކުރާ ތަަނަށް ގޮސް، މަސައްކަތް ފަށްޓުވައިފައި ސައިބޯން ދިޔައީމެވެ. އަހަރުމެން އާންމުކޮށް ދާ ހޮޓަލަށެވެ. ދޮރުން ރަނގަޅަށް ނުވަދެވެނީސް ވެއިޓަރު އައެވެ. އޭނަ ހުރީ ވަރަށް ހިނިއައިސްފައެވެ.
"ބޭބެއަށް އޮޅުނީ ދޯ؟" ފަސް ސަތޭކަ ރުފިޔާ ދިއްކޮށްލަމުން އޭނަ ބުންޏެވެ.
"ޝުކުރިއްޔާ!" ހިނިތުންވެލައިފައި އޭގައި ހިފަމުން އަހަރެން ބުނީމެވެ.
އެކުވެރިޔާއަށް އެ މަންޒަރު ފެނި ސުވާލުކުރުމުން ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. އޭނަ ވަރަށް އުފާކޮށްފައި ވެއިޓަރަށް ވިހި ރުފިޔާގެ ހަދިޔާއެއް ދިނެވެ. ހާދިސާ ދިމާވީ އަހަންނަށް ކަމުގައި ވިޔަސް، އެއިން ހާސިލުވި އިބުރަތް ކިޔައިދިނީ އެކުވެރިޔާއެވެ.
"ދިރިއުޅުމުގަ ބައެއް ފަހަރު ކަންކަން ދިމާވާނީ ބޭނުންވާ ގޮތާ ދިމާ އިދިކޮޅަށް، އެކަމަކު ތިމާއަށް އެންމެ ފައިދާ ހުރި ގޮތަށް،" އެކުވެރިޔާ ބުންޏެވެ. "ފައިދާކުރާނީ ކެތްކުރާ މީހާއަށް. ވަކީލުކުރާ މީހާއަށް. ޝަކުވާކުރާ މީހާއަށް ލިބޭނީ ލަނޑު."
އަހަރެންނަށް މަޑުމަޑުން ބޯޖަހައިލެވުނެވެ. އެކުވެރިޔާ ބުނި ގޮތުގައި، ކޮންމެ ކަމެއް ވެސް ހިނގަނީ އިލާހީ ގާނޫނުގެ މަތިވެރި ރޭވުމެއްގެ ދަށުންނެވެ. ހަމަ އެންމެ ކަމެއް ވެސް އޭގެ ބޭރަކުން ނުހިނގާނެއެވެ. ހާސްވެގެން ތެޅިފޮޅުމުގެ ބަދަލުގައި އިންސާނާ ޖެހޭނީ ކެތްތެރިކަން އިސްކުރާށެވެ. އެއީ ތެދެކެވެ. އަހަރެންގެ ހަޔާތާ މެދު ފުންކޮށް ވިސްނައިލުމުން ހެކިތައް ބައިވަރެވެ. ސާބިތުކަމަށް އެދުމުން ދެއްވީ ގޮންޖެހުންތަކެވެ. ހިތްވަރުކޮށްގެން ސާބިތުކަން ހޯދުމަށް ޓަކައެވެ. އުފާވެރިކަމަށް އެދުމުން ދެއްވީ ކެތްތެރިކަމެވެ. ދެމިހުރެގެން އުފާވެރިކަން ހޯދުމަށް ޓަކައެވެ. ކާމިޔާބަށް އެދުމުން ދެއްވީ އިމުތިހާނުތަކެވެ. ކުރިމަތިލައިގެން ކާމިޔާބު ހޯދުމަށް ޓަކައެވެ. ތޫނުފިލިކަމަށް އެދުމުން ދެއްވީ މައްސަލަތަކެވެ. ހައްލުކޮށްގެން ތޫނުފިލިކަން ހޯދުމަށް ޓަކައެވެ. ހިތްވަރަށް އެދުމުން ދެއްވީ ހުރަސްތަކެވެ. ގިރާކޮށްގެން ހިތްވަރު ހޯދުމަށް ޓަކައެވެ. ލޯތްބަށް އެދުމުން ދެއްވީ އާއިލާ ދޫކޮށްފައި އައި ބިދޭސީންތަކެކެވެ. އެހީތެރިވެގެން ލޯބި ހޯދުމަށް ޓަކައެވެ. ތަނަވަސްކަމަށް އެދުމުން ދެއްވީ ފުރުސަތުތަކެވެ. ބޭނުންކޮށްގެން ތަނަވަސްކަން ހޯދުމަށް ޓަކައެވެ. އެދުނު އެއްވެސް އެއްޗެއް އަހަންނަށް ނުލިބުނު ކަހަލައެވެ. އެކަމަކު ބޭނުންވި ހުރިހާ އެއްޗެއް ލިބިއްޖެއެވެ.
ނިމުނީ