22 އޯގަސްޓް 2021 - 10:04

މިލާން (އޯގަސްޓް 22) - ބަދަލުތަކާ އެކު އާ ސީޒަނަށް ނުކުތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އިން ސެރީ އާގައި ޖެނޭއޯގެ މައްޗަށް 4-0 އިން ކުރި ހޯދައިފި އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންކަން އިންޓައިން ހޯދީ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ކޯޗް އެންޓޯނިއޯ ކޮންޓޭ އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމަށް ކުރި މަސައްކަތުގައި އަގުބޮޑު ތަރިންތަކެއް ހޯދި އެވެ. އާ ސީޒަނާ އިންޓަ އިން ކުރިމަތިލީ އޭގެ ތެރެއިން ބައެއް ކުޅުންތެރިން އެހެން ކްލަބުތަކަށް ވިއްކާލުމަށް ފަހު އެވެ. ރޮމެލޫ ލުކާކޫ، އަޝްރަފް ހަކީމީ އަދި މަޓޭއޯ ޕޮލިޓާނޯ އިންޓަ އިން ވަނީ ވިއްކާލައިފަ އެވެ.
ކާމިޔަބު ހޯދިޔަސް އިންޓައާ އެކު ކޮންޓޭ އަށް ދެމި ހުރެވޭ ގޮތެއް ނުވި އެވެ. ހަރަދުތައް ސަލާމަތް ކުރުމަށްޓަކައި އިންޓަ އަށް ޖެހުނީ އޭނާ ވެސް ދޫކޮށްލާށެވެ. އާ ސީޒަނަށް ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ސިމޯން އިންޒާގީ އެވެ. ޓީމަށް އަލަށް ސޮއިކުރި ގިނަ ކުޅުންތެރިން ހިމަނައިގެން ޖެނޯއާގެ މައްޗަށް ހޯދި މޮޅުން، އިންޒާގީ ހުރީ ހިތްހަމަޖެހިފަ އެވެ.
އިންޓަގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލަ ދިނީ މިފަހަރު އަލަށް އެ ޓީމާ ގުޅުނު ހަކާން ޗަނައޮގްލޫ އާއި އެޑެން ޒެކޯ އެވެ. އެ ދެ ކުޅުންތެރިން ވަނީ އިންޓަ އަށް ލަނޑު ޖަހައިދީ އަނެއް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އެލެކްސް ވިޑާލް އާއި މިލާން ސްކްރީނިއާ އެވެ.
"އަހަންނަށް ޔަގީންކަން އޮތް މި ޓީމުން ރަނގަޅަށް މަސައްކަތް ކުރާނެކަން. އަހަންނަށް ފެނިފައި ވަނީ މި ކުޅުންތެރިން އެކަމަށް ބޭނުން ވެގެން މަސައްކަތް ކުރާތަން. އަދި އާ ގޮތްތައް ދަސްކުރަން ބޭނުންވާ ވަރު މި ކުޅުންތެރިންގެ ފަރާތުން ފެނިގެންދޭ،" އިންޒާގީ ބުޏްނެވެ. "އަހަރެމެންގެ ސަޕޯޓަރުން އެނބުރި ދަނޑަށް އައި މެޗުގައި މިއަށް ވުރެ ރަނގަޅު ފެށުމަކުން ވަކި ނުފެށޭނެ."
އިންޒާގީގެ ކުރީގެ ޓީމު ލާޒީއޯއާ އެކު އެނބުރި ސޭރި އާ އަށް އައި މައޫރީޒިއޯ ސާރި ވެސް ވަނީ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެމްޕޯލީގެ މައްޗަށް 3-1 އިން ލާޒިއޯ މޮޅުވެފަ އެވެ.
ލާޒިއޯ އިން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި އެމްޕޯލީން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ފިލިޕޯ ބަންޑިނޭލީ އެވެ. ލީޑު ނަގައިގެން އެމްޕޮލީ އަށް ހމަޖެހިލެވުނީ ދެ މިނެޓެއްހާއިރު އެވެ. މެޗުގެ ހަ ވަނަ މިނެޓްގައި މިލަންކޮވިޗް ސަވިޗް ލާޒިއޯ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މެނުއަލް ލަޒާރީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލާޒިއޯ އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. ޕެނަލްޓީ އަކުން އެ ލަނޑު ކާމިޔާބު ކުރީ ޗީރޯ އިމްމޯބިލޭ އެވެ.