05 ޖޫން 2016 - 14:56

ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަން ބަތަލާގެ ރޯލު ކުޅޭ "ރާބްތާ"ގައި ދީޕިކާ ޕަދުކޯންގެ އައިޓަމް ލަވައެއް ހިމެނުމާ ގުޅިގެން ކްރީތީ އެކަމާ ހިތްހަމަނުޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
"ރާބްތާ"ގައި ދީޕިކާ ބައިވެރިވާތީ ކްރީތީ ހިތްހަމަނުޖެހިފައިވާ ކަމަށް ބުނެ ފިލްމްފެއާގައި ލިޔެފައިވާ އާޓިކަލެއް ޝެއާކުރުމަށްފަހު ކްރީތީ، 25، ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެ އާޓިކަލްގައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ދީޕިކާ އެ ފިލްމުގައި ބައިވެރިވާތީ އޭނާ އާއި ފިލްމުގައި ބައިވެރިވާ އެހެން އެންމެންވެސް ތިބީ ވަރަށް އުފާވެފައި ކަމަށް ކްރީތީ ބުނެފައިވެ އެވެ. އަދި ދީޕިކާގެ ރީތިކަމަށް ވެސް ކްރީތީ ވަނީ ތައުރީފުކޮށްފަ އެވެ.
ފިލްމްފެއާގައިވާ އާޓިކަލްގައިވާ ގޮތުން "ރާބްތާ"ގައި ދީޕިކާ ބައިވެރިކުރަން ޑައިރެކްޓަރު ދިނޭޝް ވިޖަން ގަސްތުކުރުމުން ކްރީތީ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
ހޮލީވުޑް ފިލްމު ނިންމާލުމަށް ފަހު "ރާބްތާ"ގެ ޝޫޓީން ހިނގަމުންދާ ތަނަށް ގޮސް އެ ފިލްމުގައި އޭނާ ކުޅެދޭން އެއްބަސްވި އައިޓަމް ސޯންގްގެ ޝޫޓިންގް ވެސް ނިންމާލުމަށް ފަހު ދީޕިކާ ވަނީ މިހާރު އެނބުރި މުމްބައި އަށް ގޮސްފަ އެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުގައި ދީޕިކާ ދެން ދާނީ ލޯބިވެރިޔާ ރަންވީރު ސިންގާ އެކު އުފާވެރި ޗުއްޓީއަކަށެވެ. އަދި ކުޅޭނެ ބޮލީވުޑް ފިލްމުތަކެއް ނިންމާނީ ޗުއްޓީ އަށް ފަހު އެވެ.
"ރާބްތާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2017 ފެބްރުއަރީ، 10 ވަނަ ދުވަހު އެވެ.