21 އޯގަސްޓް 2021 - 19:04

ރައްޔިތުން ބޭނުންވާ ކަންކަން ރަނގަޅަށް ތަންފީޒު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލެވެން ޖެހޭނެ ކަމަށާއި އެއީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ލިބޭ ބާރެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ގޮވާލުމަށް ޕެޓިޝަނެއްގައި ސޮއި ކުރުމަށް އެމްޑީޕީގެ އާންމު މެންބަރުންތަކެއް އިސްވެ މިއަދު ބޭއްވި ހަފުލާއެއް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރާއްޖޭގެ އޮއެވަރު ހުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އޮތް ގޮތާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށާއި އެ ދިމާލަށް ގޮސްގެން ރައްޔިތުންނަށް އެއްވެސް ހައްގެއް ނުލިބޭނެ ކަމަށެވެ.
އަސާސީ ހައްގެއް ހޯދުމަށްޓަކައި މިހާރު ރައްޔިތުން މަޖިލިސް މެންބަރަށް ގުޅަން ޖެހޭ ކަމަށާއި އެއަށް ފަހު މެންބަރުން ސަރުކާރުގެ ވަޒީރުން ކައިރީ ސަލާން ޖަހަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަނެއްކާވެސް ސަރުކާރަށް ރައްޔިތުން ފެންނަނީ ވޯޓުލާ ދުވަސް ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއެއް ނޫން ވާން ޖެހޭ ގޮތަކީ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވޭނީ ބަރުލަމާނީ ނިޒާމަކުން،" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތައް ސަރުކާރުން ބައެއް ފަހަރު ތަންފީޒު ނުކުރާ ކަން ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ ވެސް މަޖިލީހުން ފާސް ކުރި ގާނޫނެއް ތަންފީޒު ނުކޮށް ބާއްވާފައި އޮތުމުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ތެރޭ އިންޓެލިޖަންސް ހިއްސާ ނުކުރެވި ހޯމް މިނިސްޓްރީ ތެރޭގައި އުފެދިފައި އޮތް ބާގަނޑެއް ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން ސައިކަލުތައް ނަގަން މާލެ ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި އޮތް ނަމަވެސް އެކަން ވެސް ތަންފީޒު ނުކޮށް ބާއްވާފައި އޮތުމުގެ ސަބަބުން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.
"ޔުނިޓަރީ ސިސްޓަމަކުން ފެޑަރަލް ސިސްޓަމަކަށް ގޮސްގެން ނޫނީއްޔާ އަދި ބަރުލަމާނީ ނިޒާމުން ރައްޔިތުން އައްޔަން ކުރާ ބޮޑުވަޒީރަކު ހުރެގެން ނޫނީއްޔާ އަދި މަޖިލިސް ތެރެއިން އެ ދުވަހުން ދުވަހަށް ތަންފިޒު ނުކުރެވޭ ކަމަށް ވަންޏާ ނިޒާމެއް އަަދި ވެރިކަމަކަށް ވެސް ވޯޓުލުމުގެ މަގްސަދެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ވެރިކަން ހިންގާނެ ނިޒާމާ ގުޅޭ ގޮތުން ރާއްޖޭގައި މީގެ ކުރިން ނެގުނު ވޯޓާ ގުޅޭ ގޮތުން ރައްޔިތުން މިހާރު ޝައްކު އުފައްދާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި އިތުބާރު ހިފޭ ގޮތަކަށް އަލުން އެކަން ކުރުމުގެ ވިސްނުން ވެސް ރައްޔިތުން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ހިންގާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު ބޮންޑޭ ވަނީ 2008 ވަނަ އަހަރުން ފެށިގެން ނަޝީދު ވެރިކަން ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ބޮންޑޭ ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވީ ބަރުލަމާނީ ނިޒާމެއްގައި ހިނގާ ފަދަ ގޮތަކަށް ކަމަށާއި ކޮންމެ ދުވަހަކު މަޖިލިސް މެންބަރުން މުލިއާ ގެއަށް ގެންދަވައިގެން މަޝްވަރާ ކުރައްވާ ކަމަށެވެ.
"އެއީ ވަރަށް ބުރަ ކަމެއް. އެއީ އާދައިގެ ކަމެއް ނޫން. ރާއްޖޭގެ ތާރީހުގައި ވެސް ނުފެންނަ ވަރުގެ މުރާލި ވެރިއަކު ހަވާލުވީމަ ކުރެވުނު ކަމެއް،" ބޮންޑޭ ވިދާޅުވި އެވެ.
ނަޝީދު ތަރައްގީގެ ޕްލޭން ގެންގުޅުއްވި ގޮތާ ހިލާފަށް މިހާރު ކަންކަން ކުރަމުން އަންނަނީ ރައްޔިތުންނާއި ތިމާވެއްޓަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށާއި އެ ގޮތް ބަދަލު ކުރުމަށް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރަކު ހޮވަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބާރުލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ. ނަމަވެސް ރައީސް ފަރާތުން އެކަމަށް އިޖާބައެއް ނުދެއްވާތީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ވެސް އެ މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރަން ނަޝީދުގެ އަރިސް މެންބަރުން މަސައްކަތް ފެއްޓެވި ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ތެރެއިން ނޫނީ ބަރުލަމާނީ ނިޒާމަށް ބަދަލު ނުކުރެވޭއިރު، މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ އެމަނިކުފާނާ އެކުގައި ކަމަށް ވިދާޅުވި އެވެ.