ސައީދު ކައުންސިލަށް ވަޑައިގެން މައުލޫމާތު ހޯދަން އައްޑޫ މޭޔަރު އެދިވަޑައިގެންފި
ސައީދު ކައުންސިލަށް ވަޑައިގެން މައުލޫމާތު ހޯދަން އައްޑޫ މޭޔަރު އެދިވަޑައިގެންފި

އައްޑޫގައި ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ކައުންސިލަށް ވަޑައިގަތުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ދައުވަތު އަރުވައިފި އެވެ.

ޕީޕީއެމް/ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތުގައި މިވަގުތު އައްޑޫގައި ހުންނެވި ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ސިޓީގައި ކުރިޔަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި 60 މަޝްރޫއު ހޯދަން އޭނާ ވަރަށް މަސައްކަތް ކުރައްވައިފި ކަމަށެވެ.

މީގެ އިތުރުން 40 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި އައްޑޫއަށް ވައުދުވި ކަންކަމާއި އިންޑިޔާ އިން ނެގި ލޯނާއި ރައްޔިތުންނަށް ކޮށްދޭން ވިދާޅުވި އެއްވެސް ކަމެއް ތަންފީޒު ވާތަން ނުފެންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރައްޔިތުންގެ އިތުބާރު މި ސަރުކާރަކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވަމުން ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިނގަމުން އަންނަ މަޝްރޫއުތަކުގެ އަދަދަކީ 60 އެއް ނޫން ކަމަށާއި 70 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުން އަންނަ ކަމަށެވެ.

"މަނިކުފާނު އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ދައުވަތު އަރުވަން. އައްޑޫގައި ހިންގޭ ޕްރޮޖެކްޓުތަކުގެ ތަފްސީލް ލިސްޓެއް ހިއްސާ ކުރާނަން. އަދި ޑީޓެއިލް ޕްރެޒެންޓޭޝަނެއް އަރުވާނަން،" ނިޒާރު ވިދާޅުވި އެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭ ރައީސް ވިދާޅުވެފައިވާ ގޮތުގައި މާލެ ނެގުމަށް ފަހު އެންމެ ބޮޑު އިގްތިސާދީ ސެންޓަރަކަށް ވާނީ އައްޑޫ އެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ވެސް އެ ސިޓީގެ ތަރައްގީއަށް ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އައްޑޫއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ ސިޓީއަށް އެއްވެސް ކަމެއް ނުކޮށްދެ އެވެ. އަތޮޅު ތެރެއަށް ވި އެއްވެސް ވައުދެއް ނުފުއްދާތީ، ކުރީގެ ރައީސް އަބްދުﷲ ރައީސް ޔާމީން ގެނައި ތަރައްގީއާ އަޅައި ކިޔަމުން އެމަނިކުފާނުގެ ފިކުރަށް ރައްޔިތުން ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.