ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ
ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ

ބަރުލަމާނީ ނިޒާމު ގެންނަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައި އެމްޑީޕީގެ ތެރޭގައި ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ
ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ

ރަށްދެބައި މަގުގައި ހުންނަ ތޫމް ރެސްޓޯރެންޓުގައި އެމްޑީޕީގެ އާންމު މެމްްބަރުންތަކެއް އިސްވެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ބައިވެރިވެ ޕެޓިޝަނުގައި ސޮއިކުރެއްވި އެވެ.

މި ޕެޓިޝަންގެ މަސައްކަތް ފެށުނީ އެމްޑީޕީގެ މެމްބަރުންތަކެއް އަމިއްލައަށް ކްލަބް ހައުސްގައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިގެން ކަމަށް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.

މެމްބަރު ބޮންޑޭ ވިދާޅުވީ، ހަގީގީ ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގޭނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށެވެ. ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުން، ރައީސް ބަޔަކު ހޮވައިގެން ކެބިނެޓެއް އެކުލަވާލުމަކީ "އޮލިގާކީ"ގެ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ރައްޔިތުން ބޭނުންވެއްޖެ ނަމަ ވެރިކަން ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއް އޮވެގެން ކަމަށް ވިދާޅުވި އެވެ.

ޕެޓިޝަން އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ނިޒާމް ބަރުލަމާނީ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އަމަލުކުރަމުން ދަނީ އޭރު ވައުދުވި ގޮތަށް ނޫން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މި ޕެޓިޝަނަކީ މި ވައުދު ފުއްދުމަށް ބާރު އެޅުމަށް ރައީސްއަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއް ކަމަށް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދެވެ. އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަން ކުރުމުގެ ނިޒާމަކީ އެއީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމަށްޓަކައި 2023 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ. އެކަން ކުރަން ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ވެސް ހުރިކަން މީގެ ކުރިން އެމަނިކުފާނު ހާމަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ގާނޫނުއަސާސީ ބަދަލުކުރަން 66 މެންބަރުންގެ ވޯޓް ބޭނުންވާއިރު، އެމްޑީޕީގައި ރިޔާސަތާ ނުލައި ތިބޭނީ 64 މެންބަރުންނެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ތިބީ ބައިބައިވެފަ އެވެ.

ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.