21 އޯގަސްޓް 2021 - 12:53

އޭނާ މަސައްކަތް ކުރި ދެކުނު އޭޝިއާގެ ތިން ގައުމުގެ ފުޓްބޯޅައިގައި އޮތް ތާފަތު ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސްގެ ކޯޗް އޮޮސްކާ ބުރުޒޮން ބަރޭރަސް ސިފަކޮށްދީފި އެވެ.
ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗް ވަނީ، ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގައި ވެސް މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގައި ވާދަކުރަނީ ވެސް މި ތިން ގައުމަށް ނިސްބަތްވާ ޓީމުތަކެވެ. ގައުމީ އަދި ކްލަބު ފެންވަރުގައި ހޯދި ކާމިޔާބުތައް އަޅާ ބަލާއިރު ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ތިން ގައުމަކީ ވެސް ރާއްޖެ، ބަންގްލަދޭޝް އަދި އިންޑިއާ ކަމަށް ބުނުމުގެ ޖާގަ ލިބެ އެވެ.
"ބަންގްލަދޭޝްއާ އަޅާ ބަލާއިރު ރާއްޖޭއަކީ ޓެކްނިކަލް ފުޓްބޯޅައިގެ ގައުމެއް. ބަންގްލަދޭޝްގެ ފުޓްބޯޅަ ބިނާވެފައި ވަނީ ވަރަށް ބޮޑަށް ފިޒިކަލް ގޭމެއްގެ މައްޗަށް،" އޮސްކާ ކިޔައި ދިނެވެ. "ބިދޭސީ ކުޅުންތެރިން ރާއްޖޭގައި ބޮޑު ތާފާތެއް ދެއްކުން އެއީ މީގެ ވަރަށް ބޮޑު ސަބަބެއް. އަހަރެމެން (ބަންގްލަދޭޝްގައި) މި ގެންދަނީ ވަރަށް ބޮޑަށް ފިޒިކަލް ގޭމެއް ކުޅޭ ކުޅުންތެރިން. މާބޮޑަށް ޓެކްނިކަލް ކުޅުންތެރިން ގެންދާކަށް ނުވިސްނަން."
ޓެކްނިކަލް ގޭމެއް ކުޅޭ ކުޅުންތެރިން ރާއްޖޭގައި ކާމިޔާބު ހޯދާފައިވުމުގެ މިސާލެއްގެ ގޮތުން އޮސްކާ ދެއްކީ، އޭނާ ނިއު ރޭޑިއަންޓުގައި 2017 ގައި މަސައްކަތް ކުރިއިރު އެ ޓީމަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑާ އެންހެލް ލުއިޒް ރުއިޒް ޕާޒް (ކަންޑެލާ) އެވެ. އެޑްރިއަން ގަލާޑޯ އަދި ހޯޒޭ ގޮޓާ އެވެ. އޮސްކާގެ ކޯޗު ކަމުގެ ދަށުން އެ ކުޅުންތެރިންގެ ބޮޑު ހިއްސާއާ އެކު ނިއު އިން ވަނީ، އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
"އެ ކުޅުންތެރިންނަކީ ވަރަށް ބޮޑަށް ޓެކްނިކަލް ހުނަރު ހުރި ކުޅުންތެރިންތަކެއް. އަދި އެ ކުޅުންތެރިން ރާއްޖޭގައި ތާފާތު މޮޅު ކުޅުމެއް ދެއްކި،" އޮސްކާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެކަމަކު މި ސްޓައިލްގެ ކުޅުންތެރިންނަށް ބަންގްލަދޭޝްގައި އެ ކުޅުން ދެއްކިދާނެ ކަމަކަށް އަހަންނަކަށް ހިއެއް ނުވޭ."
ދެ ވަނަ ކަމަކަށް އޮސްކާ ފާހަގަކުރީ ބަންގްލަދޭޝްގެ ލީގެވެ. އެ ލީގުގައި ވާދަކުރާ 13 ޓީމަކީ ވެސް ވަރަށް ބެލެންސް ޓީމުތައް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ރާއްޖޭގައި އޭނާ މަސައްކަތް ކުރި އިރު ވާދަވެރިކޮށް އޮތީ ތިން، ހަތަރު ޓީމުކަން އޭނާ ފާހަގަ ކުރި އެވެ. މިދިޔަ ސީޒަންގައި އެ ވާދަވެރިކަން ކުޑަވި އެވެ. ލީގުގައި ދެމެހެއްޓެނިވި ގޮތެއްގައި ވާދަކުރީ ދެ ޓީމެވެ. މާޒިޔާގެ ފަހަތުން ވެލެންސިއާ ރަނގަޅު ވާދައެއް ކުރި އެވެ.
އޭނާ ބުނީި އިންޑިއާގެ އެންމެ މޮޅު ކްލަބާއި ރާއްޖެ އާއި ބަންގްލަދޭޝްގެ އެންމެ މޮޅު ކްލަބާ ދެމެދު މާ ބޮޑު ތާފާތެއް ހުރި ކަމަކަށް އޭނާ އަށް ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް އިންޑިއާގެ ފުޓްބޯޅައިގެ އޮނިގަނޑު އޮތް ގޮތުން ފުޓްބޯޅައިގެ ބާރުގަދަ ފަސް ސަރަހައްދެއް އެބައޮތް ކަމަށް އޭނާ ބުންޏެވެ.
"އޭގެ ތެރެއިން ވިއްސަކަށް ކްލަބު އެބައޮތް އިންޓަނޭޝަނަލް ލެވަލްގައި ރަނގަޅަށް ވާދަކުރެވޭނެ. ހާއްސަކޮށް މި ދެކުނު އޭޝިއާ ސަރަހައްދުގައި،" އިންޑިއާގެ މުންބާއީ އާއި ގޯއާގެ ޓީމުތަކުގައި މަސައްކަތް ކުރި އޮސްކާ ބުންޏެވެ. "ބަންގްލަދޭޝް އާއި ރާއްޖެއާ މާ ބޮޑު ތާފާތެއް އިންޑިއާގެ ނެތް، ބެންގަލޫރު އެފްސީ އާއި އީގަލްސް ކުޅުނު މެޗުގައި ތަފާތަކަށްވީ ބެންގަލޫރު ދުރުން އެއްލި ބޯޅައެއް. މޯހަން ބަގާން އާއި ބެންގަލޫރު ކުޅުނު މެޗުގައި ތަފާތަކަށް ފެނުނީ ކޯނަރެއް. ދެން އަހަރެމެންނާއި މާޒިޔާ ކުޅުނު މެޗުގައި ތަފާތަކަށް އައީ މާޒިޔާގެ ކުޅުންތެރިޔަކަށް ހެދުނު މިސްޓޭކަކުން ވަން ގޯލެއް."
ބަށުންދަރާ މިއަދު ނުކުންނާނީ، ބެންގަލޫރާ ދެކޮޅަށެވެ. ބެންގަލޫރު މިއަދުގެ މެޗުން ބަލި ވެއްޖެނަ އެ ޓީމު މުބާރާތުން ކަޓާނެ އެވެ. ދެކުނު އޭޝިއާގެ ޒޯނުން އަނެއް ބުރަށް ދަތުރު ކުރަނީ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ.