ކަށިނަރު ޖަހާފައިވާ ފާރެއްގެ މަތިން އަފްޣާން ކުޑަ ކުއްޖަކު ސަލާމަތްކުރާ ވީޑިއޯ އަށް ސަމާލުކަން
ކަށިނަރު ޖަހާފައިވާ ފާރެއްގެ މަތިން އަފްޣާން ކުޑަ ކުއްޖަކު ސަލާމަތްކުރާ ވީޑިއޯ އަށް ސަމާލުކަން

ކާބުލް (އޮގަސްޓް 21) - އަފްޣާނިސްތާނުގެ އެއާޕޯޓަށް ޖަމާވެފައިވާ މީހުންގެ ތެރޭން، ކަށި ނަރު ޖަހާފައިވާ އެއާޕޯޓުގެ ސެކިއުރިޓީ ފާރެއްގެ މަތިން އަފްޣާންގެ ތުއްތު ކުއްޖަކު އެމެރިކާ ސިފައިން ސަލާމަތްކުރާ ވީޑިއޯއަކަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ތޮއްޖެހިފައިވާ މީހުންގެ ތެރޭން، ނެޕީ ޖަހާފައިވާ ކުޑަ ކުއްޖާ މައްޗަށް ހިއްލާލުމާ އެކު ފާރުމަތީގައި ޖަހާފައިވާ ކަށިނަރުތަކުގެ ތެރޭން އެމެރިކާ ސިފައިންގެ މީހަކު އެ ކުއްޖާގެ އެއް އަތުގައި ހިފައި މައްޗަށް ނަގައި ސަލާމަތް ކުރެ އެވެ.

އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ ބާރުގެ ދަށަށް ދިއުމާ އެކު ގައުމު ދޫކޮށްދާން ބޭނުންވާ މީހުންގެ އަދަދު އިތުރުވެ އެއާޕޯޓް ވަނީ ތޮއްޖެހިފަ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެމެރިކާގެ 6،000 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަނެއްކޮޅުން އެއާޕޯޓަށް ދާން އޮންނަ މަގުތައް ތާލިބާނުން ވަނީ ޕެޓްރޯލްކޮށްފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކިރްބީ ވިދާޅުވީ ކުޑަ ކުއްޖަކު ބަލިވެގެން އެމެރިކާ ސިފައިންގެ އެހީ އަށް އެދިފައިވާ ކަމަށެވެ.

"ކުއްޖާގެ ބެލެނިވެރިން ވަނީ، އެ ކުއްޖާ ބަލިވެގެން، އެމެރިކާ ސިފައިންގެ އެހީ އަށް އެދިފައި. ދެން އެމެރިކާ ސިފައިން ފާރު މައްޗަށް އަރާ އެ ކުއްޖާ ހޯދުމަށް ފަހު މައްޗަށް ނަގައި، އެއާޕޯޓުގައި ގާއިމްކޮށްފައިވާ ނޯވޭގެ ހޮސްޕިޓަލަކަށް ގެންގޮސް ވަނީ ފަރުވާދީފައި. އެއަށް ފަހު ކުއްޖާގެ ބައްޕައާ ވަނީ ހަވާލުކޮށްފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިރްބީ ވިދާޅުވި އެވެ.

އަފްޣާނިސްތާނުން ފުރަން ގޮސް ތިބި އެހެން ކުޑަކުދިންނަށް ވެސް އެމެރިކާ ސިފައިން އެހީވާ މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުކޮށްފަ އެވެ.