21 އޯގަސްޓް 2021 - 10:48

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ފުއްގިރި ދޫކުރުމަށް 1.3 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަނުން ނަންގަވައި، 1.1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއްގައި މަންފާވާނެ ގޮތަށް ބެހެއްޓި ކަމަށް ދައުލަތުން ޔާމީނަށް ތުހުމަތު ކުރެ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 އަށް ތާވަލު ކުރިއިރު، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.
ޔާމީން ކުރިން ވަނީ ދައުލަތުން ކުރާ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅައިފަ އެވެ.
އެ އަޑުއެހުން ނިންމަވައިލެއްވުމުގެ ކުރިން، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތައް ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގަ އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް، މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ މި އަހަރުގެ އޭޕްރީލް 29 އިން ފެށިގެން ޔާމީން ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.