20 އޯގަސްޓް 2021 - 16:56

ކާބުލް (އޮގަސްޓް 20) - އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުގައި ނޭޓޯ އަށް މަސައްކަތްކޮށްދީފައިވާ މީހުން ހޯދުމަށް ތާލިބާނުން ދޮރުން ދޮރަށް ހިނގަމުންދާ ކަމަށް ރަސްމީ ލިޔުންތަކެއްގައި ބުނެފި އެވެ.
ތާލިބާނުން ބޭނުން މީހުން ހޯދުމަށް ދޮރުން ދޮރަށް ވަދެ ބަލައި ފާސްކުރަމުންދާ އިރު ބައެއް އާއިލާތަކަށް ބިރު ދައްކަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަފްޣާނިސްތާނުގެ ވެރިކަން ވައްޓާލުމަށް ފަހު ހަރުކަށި ފިކުރުގެ އިސްލާމީ ގްރޫޕުން ވަނީ އެއްވެސް މީހެއްގެ ކިބައިން ބަދަލު ނުހިފާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މީހުން ބުނާ ބަހާއި ކަންކުރާ ގޮތް ދިމާނުވާ ކަމުގެ ކަންބޮޑުވުން މިހާރު ދަނީ ފާޅު ކުރަމުންނެވެ.
ތާލިބާނުން ހޯދަން ބޭނުންވާ މީހުން މިހާރު ބްލެކްލިސްޓްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި އޭގެ ތެރޭން މީހަކު އަތުޖެހިއްޖެ ނަމަ އެ މީހަކަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
ތާލިބާނުން ބޭނުންވާ މީހުން ހޯދުމުގެ އޮޕަރޭޝަން ފަށާފައިވާ އިރު އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވާ މީހުންނަށް ބޭރުގެ ބައެއް ގައުމުތަކުގެ ސިފައިން މެދުވެރިވެގެން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނޭޓޯ އޮފިޝަލަކު މިއަދު ވިދާޅުވީ ވޭތުވެދިޔަ ފަސް ދުވަސްތެރޭ 18،000 މީހުން އަފްޣާނިސްތާނުން ބޭރަށް ފުރުވާލާފައިވާ ކަމަށެވެ. ގައުމު ދޫކޮށްދާން ބޭނުންވާ މީހުން ގިނަވުމުން ކާބުލް އެއާޕޯޓް ވަނީ ތޮއްޖެހިފަ އެވެ. ނަމަވެސް އެއާޕޯޓަށް މީހުން ދިއުމަށް ތާލިބާނުން މިހާރު ހުރަސް އަޅަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ތާލިބާނުން ކާބުލް ހިފީ އާދިއްތަ ދުވަހު އެވެ. އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންނަށް އެހާ ފަސޭހައިން ވައްޓާލެވުނީ އެމެރިކާ ސިފައިން އެ ގައުމުން ފޭބުމުންނެވެ.
އަފްޣާނިސްތާނުގައި 1996 -2001 އަށް ވެރިކަން ކުރި އިރު ގެންގުޅުނު ހަރުކަށި އުސޫލުތައް ނުގެންގުޅޭނެ ކަމަށް ތާލިބާނުން މިފަހަރު ވަނީ ބުނެފަ އެވެ. އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް އަންހެނުންނަށް މިނިވަންކަންދީ، މޫނު ބުރުގާ އެޅުން މަޖްބޫރު ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކުރީގެ ސަރުކާރުގައި މަސައްކަތް ކުރި މީހުން ހިފާ ހައްޔަރު ކުރުމުގެ ބަދަލުގައި އެ މީހުންނަށް މައާފް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.