20 އޯގަސްޓް 2021 - 16:25

މާޒިޔާގެ މެނޭޖްމެންޓުން އޭނާ އަށް ޕްރެޝަރެއް ނެތް ކަމަށް، މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
އެއެފްސީ ކަޕު ދެ ވަނަ މެޗުގައި މާދަމާ ރޭ މާޒިޔާ އިން، އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނާނެ އެވެ. ރިސްޓޯ ބުނީ ޕެރެޝަރު އޮތީ މޯހަން ބަގާން އަށް ކަމަށެވެ. ސަބަބަކީ އެ ޓީމަކީ ފޭވަރިޓް ޓީމަށް ވުމުން ކަމަށް އޭނާ ބުންޏެވެ.
މޯހަން ބަގާން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ، ލޯކަލް ވާދަވެރިޔާ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމު ވަނީ، ބަންގަލްދޭޝްގެ ބަށުންދަރާ ކިންގްސް އަތުން ބަލިވެފަ އެވެ. މެޗުން ބަލިވުމުން މާޒިޔާގެ މެނޭޖުމެންޓުން އެއްވެސް ޕްރެޝަރެއް އޭނާ އަށް ކުރިމަތިވިތޯ ސުވާލު ކުރުމުން، ރިސްޓޯ ބުނީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.
"ޕްރެޝަރެއް ނެތް. އަހަރެމެންނަށް އެނގޭ އެހާ ދުވަހު މެޗެއް ނުކުޅެ މިކަހަލަ މުބާރާތަަކަށް ތައްޔާރު ވުމަކީ ފަސޭހަކަމެއް ނޫންކަން،" ރިސްޓޯ ބުންޏެވެ.
"މި މުބާރާތުގެ ކުރިން އަހަރެމެން ވާދަވެރި މެޗެއް އެންމެ ފަހުން ކުޅުނީ މެއި މަހު 3 ވަނަ ދުވަހު. އެއީ މިހާރު ތިން މަހަށް ވުރެ ދިގު މުއްދަތެއް. އެހެންވީމަ އެކަހަކަ ގޮތަކަށް އޮތް ހާލަތެއްގެ ތެރެއިން އެއްވެސް މުބާރާތަކަށް އެކަށީގެންވާ ގޮތަކަށް ތައްޔާރެއް ނުވެވޭނެ. އަހަރެމެން ސައުދީ އަރަބިއްޔާ އަށް ދިޔައީ ވެސް މިތާންގައި މެޗުތަކެއް ނުކުޅެވޭނެތީ. މިތާންގައި މެޗުތަކެއް ކުޅެވޭނީ ތިން ވަނަ ޑިވިޝަން ޓީމުތަކާއެކު އެކުވެރި ކަމުގެ މެޗެއް. އެންމެ އެކަށީގެންވާ ގޮތަކަށް މުބާރާތަކަށް ތައްޔާރު ނުވެވޭނެ. މިއީ ބަހަނާ ދެއްކުމުގެ ގޮތުން އަހަރެން ދައްކާ ވާހަކައެއް ނޫން.
"މާދަމާގެ މެޗުގައި ވެސް ކުޅުންތެރިން މަސައްކަތް ކުރާނެ. އެ ކުޅުންތެރިންގެ އެންމެ މަތީ ފެންވަރު ދައްކާނެ މެޗު ކާމިޔާބު ކުރަން. އެހެންވީމަ ޕްރެޝަރު އޮތީ އޭޓީކޭ (މޯހަން ބަގާން) އަށް. ސަބަބަކީ އެ ޓީމަކީ ފޭވަރިޓް. ޕްރެޝަރާ މެދު އަހަރެމެންނަކަށް ވިސްނާކަށް ނުތިބެވޭނެ. އަބަދުވެސް ކޮންމެވެސް ޕްރެޝަރެއް އޮންނާނެ. ޕްރޮފެޝަނަލް ފުޓްބޯޅައިގައި ކޮންމެ މެޗެއްގައި ވެސް ޕްރެޝަރު އޮންނާނެ. އެ ކަންތައްތަކަށް އަހަރެމެން ތިބޭނީ ފަރިތަވެފައި."
ރިސްޓޯ ބުނީ މޯހަން ބަގާން ފޭވަރިޓަކަށްވުމުގައި އެ ޓީމުގެ އޮތް ބޮޑު ބަޖެޓާއި ފުޓްބޯޅައިގެ ތާރީހު މުހިންމު ދައުރެއް އަދާކުރުމަށެވެ. އަދި އެ ޓީމުން ބިދޭސީ ކުޅުންތެރިންނަށް ކުރާ ބޮޑު ހޭދައަކީ ވެސް އެ ޓީމު ފޭވަރިޓަކަށް ވާ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.
"ދަނޑުމަތީގައި ތަފާތު ވާނެ. އެކަމަކު ކަރުދާހުގައި އެ ޓީމަކީ ފޭވަރިޓް،" ރިސްޓޯ ބުންޏެވެ.
ރިސްޓޯ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާގެ ކުޅުންތެރިން ކުޅުނީ މާ ބޮޑަށް ހާސްވެގެން ކަަމށާއި ލަނޑު ވަނުމަށް ފަހު އިތުރަށް އެ ހާސްކަން ކުރިމަތިވި ކަމަށެވެ.
މޯހަން ބަގާން އިން ވެސް ވާދަވެރި މެޗުތަކެއް ނުކުޅެ މުބާރާތަށް އައުމުން އެ ޓީމަށް ވެސް އުނދަގޫތަކެއް ހުންނާނެ ކަމަށް ރިސްޓޯ ބުންޏެވެ.
މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.