20 އޯގަސްޓް 2021 - 11:42

ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައިވާތީ، ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ފައިސާ ދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން 50 އަހަރަށް ފަހު ހުއްޓައިލީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިދިޔަ މަހު އުވައިލުމުންނެވެ.
މީރާ އިން ބުނީ ރެވެނިއު ސްޓޭމްޕްގެ ގާނޫނު އުވައިލިއިރު، ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެ ކަމަށް އެދި އެ އިދާރާ އަށް ހުށަހެޅޭނެ ކަމަށެވެ.
ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލީ ރެވެނިއު ސްޓޭމްޕުން މާ ބޮޑު އާމްދަނީއެއް ނުލިބޭތީ އެވެ.
މީގެ އިތުރުން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް އެކަމަށް އަމާޒު ވެފައިވެ އެވެ.