20 އޯގަސްޓް 2021 - 10:43

ކާބުލް (އޮގަސްޓް 20) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓުން ފުރި އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއްގެ ފުރޮޅުގައި އެލިގަނެގެން އޮވެ ގައުމުން ބޭރުވަން އުޅެނިކޮށް ވެއްޓި މަރުވި މީހުންގެ ތެރޭގައި އެ ގައުމުގެ ޒުވާން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއަކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އުމުރުން 19 އަހަރުގެ ޒަކީ އަންވަރީ ބޯޓުން ވެއްޓި މަރުވިކަން އަފްޣާނިސްތާނުގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯޓްސް އިން ވަނީ ޔަގީންކޮށްދީފަ އެވެ. އިތުރު ތަފްސީލް ހާމަކޮށްފައެެއް ނުވެ އެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ އެކު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ވައްޓާލުމުން ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު ކާބުލްގެ އެއާޕޯޓަށް ޖަމާވި އެވެ. މަތިންދާ ބޯޓެއް ޖައްސާ އަޑު އިވޭ އިރަށް ރަންވޭ މައްޗަށް މީހުން އަރާ ފުރާލަ އެވެ. ބޯޓަކަށް މީހުން އަރުވާކަން އެނގޭ އިރަށް، އެތައް ބަޔަކު ބޯޓާ ދިމާއަށް ދުއްވައިގަނެ އެވެ. އެމީހުން މައިތިރި ކުރުމަށް، އެމެރިކާ ސިފައިން ވައިގެ ތެރެއަށް ބަޑިވެސް ޖަހަން ޖެހުނެވެ.
އެމެރިކާގެ ސީ-17 މަރުކާގެ، މުދާ އުފުލާ އަސްކަރީ މަތިންދާބޯޓެއް، ބަޔަކު ގޮވައިގެން ކާބުލްގެ ވައިގެ ބަނދަރުން ފުރުމަށް މި މަހު 16 ވަނަ ދުވަހު ތައްޔާރުވި އިރު، ބޯޓުގެ ތިން ފުރޮޅުގެ ހައިޑްރޯލިކް މުޑީގައި އެތައް ބަޔަކު އިށީނދެގެން ނުވަތަ އެލިގަނެގެން ތިއްބެވެ. އެ މީހަކަށް ހިފުނު ތަނަކުން ބޯޓުގައި ހިފަހައްޓައިގެން އެތައް ބަޔަކު ތިއްބެވެ.
ބޯޓު ރަންވޭ އަށް ނުކުތުމަށްޓަކައި މަޑު ދުވެލީގައި ދުއްވަމުން ދިޔައިރު، އިތުރު އެތައް ހާސް ބަޔަކު އެ ބޯޓާ އެކު ދުވަމުން، އަދި އަނެއް ބަޔަކު ބޯޓުގެ ތަނެއްގައި ހިފޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމީހުން ބޯޓާ އެއްވަރަށް ދުވަމުން ގޮސް، ރަންވޭ އަށް ނުކުމެ އޭގެ ދުވެލި ބާރުކޮށްލުމާ އެކު، މީހުންތައް އެއްފަރާތް ވެގެން ދިޔަ އެވެ. ދެން ފެންނަނީ، އެ ބޯޓު ބާރު ދުވެލީގައި ރަންވޭގައި ދުއްވާފައި ގޮސް، ވައިގެ ތެރެއަށް އުދުހިގެން އެރި މަންޒަރެވެ. ބޯޓު ވައިގެ ތެރެއަށް އަރައިގެން ދިޔަ މަންޒަރު ބޯޓުގެ ކުރިން ވެސް އަދި ފަހަތުން ވެސް ވީޑިއޯ ކޮށްފައިވެ އެވެ.
ގާތްގަނޑަކަށް 200 ނުވަތަ 300 ފޫޓަށް ވުރެ ވެސް މައްޗަށް ބޯޓު އެރިތަނުން، ދެން ފެނުނީ ބޯޓުން ދެ އެއްޗެއް ވެއްޓޭ މަންޒަރެވެ. ބައެއް މީހުން ބުނާ ގޮތުގައި ބޯޓުން އެ ވެއްޓުނީ، ބޯޓުގެ ފުރޮޅުތަކުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ބައެކެވެ. އެމީހުން ވެއްޓުނު ކަމަށް ބެލެވެނީ، ބޯޓުގެ ފުރޮޅު މައްޗަށް ނެގުމުގެ ތެރޭގަ އެވެ. ވެއްޓުނު މީހުންގެ ތެރޭގައި އަންވަރީ ވެސް ހިމެނެ އެވެ.
ކާބުލްގެ އެއާޕޯޓުގެ ކޮންޓްރޯލް މިހާރު ނަގާފައި ވަނީ އެމެރިކާގެ 4،500 ސިފައިންނެވެ. ސައްހަ ލިޔުމެއް ނެތް މީހުން އެއާޕޯޓަށް ވަނުން ތާލިބާނުން މިހާރު ދަނީ ހުއްޓުވަމުންނެވެ.