އަޔޫޝަމަންގެ އަންހެނުން ތާހިރާ ޑައިރެކްޝަނަށް ނުކުމެއްޖެ
އަޔޫޝަމަންގެ އަންހެނުން ތާހިރާ ޑައިރެކްޝަނަށް ނުކުމެއްޖެ

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކްރާނާގެ އަންހެނުން ތާހިރާ ކޭޝަޕް ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމު "ޝަރުމާޖީ ކީ ބޭޓީ" ގެ ކާސްޓުން އިއުލާންކޮށް، އޭގެ ޝޫޓިން ފަށައިފި އެވެ.

ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ތާހިރާ ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަން އުޅޭ ވާހަކަ ހާމަކުރީ 2018 ގަ އެވެ. އެކަމަކު ފިލްމު އިއުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އުރަމަތީގެ ކެންސަރު ޖެހި ފަރުވާ ހޯދަން ޖެހުމުން ފިލްމުގެ މަސައްކަތް މަޑުޖައްސައިލި އެވެ.

"ޝަރުމާޖީ ކީ ބޭޓީ" ގެ މަސައްކަތް އަލުން ފަށާފައި މި ވަނީ ތާހިރާ މިހާރު ބަލިން މުޅިން ރަނގަޅު ވެސް ވެފައިވާތީ އެވެ. އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ 2016 ގެ "މިރުޒިޔާ" އިން ތައާރަފުވި ބަތަލާ ސައްޔާމީ ކޭރާއި މިހާތަނަށް އެތައް ފިލްމެއްގެ ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ދިވްޔާ ދައްތާގެ އިތުރުން އިންޑިއާގެ ޓީވީ އިންޑަސްޓްރީން އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ސާކްޝީ ތަންވަރު އެވެ.

ސާކްޝީ އަކީ މިހާރު މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އާމިރު ޚާންގެ "ޑަންގަލް" ގައި ވެސް ރޯލެއް ކުޅުނު ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ޒީ5 އިން މި މަހުގެ ކުރީކޮޅު ސްޓްރީމްކުރި ނީނާ ގުޕްތާގެ "ޑަޔަލް 100" އެވެ.

ތާހިރާގެ ފިލްމުގެ ކާސްޓުންނަކީ ކޮބައިކަން ހާމަކުރި އިރު، ކުރިން އަޑުތައް އެރި ގޮތުން މި ފިލްމުގެ ރޯލެއް މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓަށް ވެސް ހުށަހެޅި އެވެ.

"ޝަރުމާޖީ ކީ ބޭޓީ" އާ ބެހޭ ގޮތުން ތާހިރާ ބުނީ މިއީ އެންމެންނާ ވެސް ވަރަށް ގުޅޭ ޒާތުގެ ފިލްމަކަށް ވާނެ ކަމަށާއި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ފަހަތު ނަމަކަށް ޝަރުމާ ކިޔާ އެކި ޖީލުތަކުގެ އަންހެނުންތަކެއްގެ ވާހަކަ ވަރަށް ޝައުގުވެރިކޮށް ކިޔައިދޭނެ ފިލްމެއް ކަމަށެވެ.

"މިއީ އަހަންނާ ހަޔާތުގެ އެކި ދުވަސްވަރު ދިމާވި މީސްމީހުންގެ ހަޔާތުން އިންސްޕަޔާވެގެން ލިޔުނު ސްކްރީންޕްލޭއަކަށް ހަދާ ފިލްމެއް،" އޭނާ ބުންޏެވެ. "ވަރަށް އުންމީދުކުރަން ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް."

ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުތް އިރު ދެ ކުދިންގެ މަންމަ ތާހިރާ، 33، ކުރިން ކުރު ފިލްމުތަކެއް ވެސް ހަދާފައިވެ އެވެ.

އަންހެނުންގެ ފުރަތަމަ ފީޗާ ފިލްމުގެ ވާހަކަ އަޔޫޝްމަން ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.