19 އޯގަސްޓް 2021 - 14:28

މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުމާލޭގައި މަރާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް މަރުގެ ދައުވާ މިއަދު އުފުލައިފި އެވެ.
މަރާލުމަށް ފަހު ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުގައި ފޮއްޓަކަށް ލާފައި އޮއްވާ އެ ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާން އާއި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އެ ދެ މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ޕީޖީ އޮފީހުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލާ ގުޅިގެން ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ، ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކުޑަ ކުއްޖާގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ. އެ ކުއްޖާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ 11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކުޑަ ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަލަށް ލައި މޫދަށް އެއްލައިލާފައި އޮއްވައި ފުލުހުން ހޯދީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެރޭ، މެންދަމު 2:30 ހާއިރު އެވެ. ފުލުހުންނަށް އެކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އެ ކުއްޖާ ރަހީނު ކުރި ކަމަށް އާއިލާ އިން ރިޕޯޓު ކުރުމުން ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށެވެ.
ފުލުހުން ވަނީ ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް އެ ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދައިފަ އެވެ.