19 އޯގަސްޓް 2021 - 13:17

ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ، 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
އަންހެނުންގެ 400 މީޓަރުގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 58.90 ސިކުންތުންނެވެ.
އެ ކެޓގެރީގެ ރެކޯޑް ކުރިން ވެސް އޮންނަނީ ހިމްނާގެ އަތުގަ އެވެ. އޭރު އޭނާ އެ ރެކޯޑް ހެދީ ހޮންކޮންގްގައި ބޭއްވި އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އޭރު އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ.
ވިހި އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕަކީ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން، އޭނާ ވާދަކުރި އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ. ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގައި ވާދަކޮށް އެ ކެޓެގެރީގެ ފައިނަލަށް ވެސް ހިމްނާ ދަތުރު ކުރި އެވެ.
މީގެ ކުރިން ވޯލްޑް ޗެމްޕިއަންޝިޕް ކެޓެގެރީގެ ދެ މުބާރާތެއްގައި އޭނާ ވާދަކުރި އެވެ. ގަތަރުގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ އިތުރުން، 2018 ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ހިމްނާ ވާދަކުރި އެވެ.
ހިމްނާ ބޮޑަށް ހާއްސަވެފައި ވަނީ 400 މީޓަރުގެ ކެޓެގެރީ އަށެވެ. އެ ކެޓެގެރީން ގައުމީ ތިން ރެކޯޑެއް އޭނާ ވަނީ ހަދައިފަ އެވެ. ސީނިއާ ލެވަލްގައި ގައުމީ ރެކޯޑް 2018 އަދި 2019 ގައި ހެދި އެވެ. ގައުމީ ޔޫތު ރެކޯޑް 2018 އަދި 2019 ގައި ހެދި އެވެ. ޖޫނިއާ 400 މީޓަރުގެ ގައުމީ ރެކޯޑު ވެސް 2018 އަދި 2019 ގައި އޭނާ ހެދި އެވެ.
ވިހި އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ހިމްނާ ފޮނުވީ، އެ މުބާރާތަށް އެތުލީޓުން ހޮވުމަށް ބޭއްވި ޓައިމް ޓްރެއަލްއިން އެއް ވަނަ ހޯދައިގެންނެވެ.