19 އޯގަސްޓް 2021 - 13:01

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ ތިން މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން އިއްޔެ އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކޮމިޝަނުގައި 968 މައްސަލައެއް ރަޖިސްޓްރީ ކުރި އެވެ. އެ މައްސަލަތަކާއި އޭގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު ޖުމްލަ 961 މައްސަލައެއް މިދިޔަ އަހަރު ބަލައި ނިންމާފައިވެ އެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވީ އޭގެ ތެރެއިން 15 މައްސަލަ އެވެ.
ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން އޭގެ ފުރަތަމަ މައްސަލައަކީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ހައްގު ނޫން ފަރާތްތަކަކަށް ދީފައިވާ ކަމަށް ބުނާ މައްސަލަ އެވެ.
ދެން ދައުވާކުރަން ފޮނުވާފައި ވަނީ ވެމްކޯއަށް ހެވީ ވެހިކަލްތަކެއް ހޯދުމަށް ކޮށްފައިވާ އިއުލާނެއްގައި ވެހިކަލްތައް ހަތް ދުވަހުގެ ތެރޭގައި ޑެލިވަރީކުރަން ޖެހޭނެ ކަމަށް ބަޔާންކުރި މައްސަލައަކާ ގުޅިގެންނެވެ. އޭސީސީން ބުނެފައިވާ ގޮތުން ހަތް ދުވަސް ދިނީ ވަކި ފަރާތަކުން އޭރު ވެހިކަލްތައް އެތެރެކޮށްފައިވާތީ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
އޭގެ އިތުރުން، އެސްޓީއޯއަށް 2016 ވަނަ އަހަރު ގެނައި އެޓޮކޯ ބޭހުގެ ބެޗުގެ ބޮޑު ބައެއް ނުވިކި 2018 ވަނަ އަހަރު މުއްދަތުހަމަވި އިރު، އެ ބޭހަށް ޑިމާންޑު ނެތީސް އިތުރު ބެޗެއް އޯޑަރު ކުރި މައްސަލައިގައި ވެސް ދައުވާކުރަން ފެބްރުއަރީ މަހު ވަނީ ފޮނުވައިފަ އެވެ.
އޭސީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ތިން މައްސަލައިގެ ފަހުން ފަސް މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްސަލަ ވެސް ހިމެނެ އެވެ.