19 އޯގަސްޓް 2021 - 11:16

އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން، އެކި ފަރާތްތަކާ އެކުގައި ތާލިބާނުން މަޝްވަރާތައް ފަށައިފި އެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމާ ގުޅިގެން، އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު މުއްލާ އަބްދުލްޣަނީ ބިރާދަރު އިއްޔެ ވަނީ ކަންދަހާރަށް އައިސްފަ އެވެ. އަދި އިއްޔެ ކަންދަހާރުގައި އޭނާ ވަނީ ގަބީލާތަކުގެ ވެރިންނާއި ދީނީ އިލްމުވެރިންނާ ވެސް މަޝްވަރާތައް ބާއްވައިފަ އެވެ.
އޭގެ އިތުރުން ތާލިބާނުންގެ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ ހައްގާނީ ވިއުގައިގެ ވެރިޔާ އަނަސް ހައްގާނީ އިއްޔެ ވަނީ، އެ ގައުމުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ އާއި ސުލްހަ ކޮމިޓީގެ އިސް ވެރިޔާ އަބްދުﷲ އަބްދުﷲއާ އެކު، އާ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ތާލިބާނުންގެ ވެރިކަމެއް އަފްގާނިސްތާނުގައި ގާއިމުކުރާ އިރު، ސަރުކާރު އޮންނާނީ ކޮން ގޮތަކަށް ކަމެއް އަދި ވެރިކަން ކުރާނީ ކޮން ނިޒާމަކުން ކަމެއް އަދި މުޅިން ސާފެއް ނުވެ އެވެ. ތާލިބާން ޖަމާއަތުގެ އިސް ވެރިއެއްގެ ގޮތުގައި ބެލެވޭ ވަހީދުﷲ ހާޝިމީ ބުނީ، ބޮޑަށް ބެލެވޭ ގޮތުގައި އަފްގާނިސްތާނުގައި ދެން ވެރިކަން ކުރާނީ ވެރިންގެ މަޖިލީހަކުންނެވެ. އެ މަޖިލީހުގައި އިސްވެ ހުންނާނީ އެ ޖަމާއަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި މިހާރު ހުރި ހައިބަތުﷲ އަޚުންޒާދާ އެވެ.
ހާޝިމީގެ ވާހަތަކުން އެނގޭ ގޮތުގައި، ތާލިބާނުންގެ އާ ސަރުކާރު އޮންނާނީ، އެ ޖަމާއަތުން 1996-2001 އަށް ވެރިކަން ކުރިއިރު ވެސް ސަރުކާރު އޮތް ފަދަ ގޮތަކަށެވެ. އޭރު އަފްގާނިސްތާނުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުރީ މުއްލާ އުމަރެވެ. އޭނާ ސިޔާސީ މާ ގިނަ ހަރަކާތްތަކެއްގައި ބައިވެރި ނުވެ، ގައުމުގެ ވެރިކަން ކުރަމުން ގެންދިޔައީ ވެރިންގެ މަޖިލީހަކުންނެވެ.
ނަމަވެސް ހާޝިމީ ބުނި ގޮތުގައި ހައިބަތުﷲ އަޚުންޒާދާގެ އަދާކުރާނީ ބޮޑުވަޒީރެއްގެ ދައުރަށް ވުރެ މަތިން، ގައުމުގެ ރައީސްގެ ދައުރާ ދާދި އެއްގޮތް ދައުރެކެވެ.
"ފަހަރެއްގައި އޭނާގެ (ހައިބަތުﷲ)ގެ ނާއިބު ވެސް ރައީސްގެ މަގާމަށް އައްޔަން ކުރެވިދާނެ."
ތާލިބާން ޖަމާއަތުގެ އެންމެ އިސް ވެރިޔާގެ ނާއިބުގެ މަގާމުގައި ތިން މީހަކު ތިބެ އެވެ. އެއީ، މުއްލާ އުމަރުގެ ދަރި މައުލަވީ ޔައުގޫބު، ހައްގާނީ ވިއުގައިގެ ވެރިޔާ ސިރާޖުއްދީން ހައްގާނީ އަދި ގަތަރުގައި ހުންނަ ތާލިބާން ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އަބްދުލްޣަނީ ބިރާދަރު އެވެ.
ހާޝިމީ ބުނި ގޮތުގައި އަފްގާނިސްތާނުގައި އޮންނާނެ ސަރުކާރެއްގެ ސިފަތައް އަދި މުޅިން ކަނޑައެއް ނޭޅެ އެވެ. ނަމަވެސް ހުޅަނގުގައި އޮންނަ ފަދަ ޑިމޮކްރެސީއެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
"އެބުނާ ޑިމޮކްރެސީއެއް ހަމަ ގައިމު ވެސް ނޯންނާނެ. އެއީ އަހަރެމެންގެ ގައުމުގައި އެބުނާ ޑިމޮކްރެސީގެ ބިންގާ އެޅިފައި ނެތީމަ. އަފްގާނިސްތާނުގައި އަހަރެމެން ގާއިމުކުރާނެ ވެރިކަމެއްގެ ނިޒާމާ ބެހޭ ގޮތުން އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނޯންނާނެ. ސަބަބަކީ އެ ނިޒާމު މިހާރު އޮތީ ކަނޑައެޅި ނިމިފައި. އެއީ ހަމައެކަނި އިސްލާމީ ޝަރީއާ،" ހާޝިމީ ބުންޏެވެ.
ތާލިބާނުންގެ ވެރިކަމަށް މަގު ފަހިކުރުމަށްޓަކައި އާންމު ރައްޔިތުންގެ ރުހުން ހޯދުމުގެ ގޮތުން، އިއްޔެ ތާލިބާނުން ވަނީ އެ ގައުމުގެ އެކި ޕްރޮވިންސްތަކުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކޮށް ދޫކޮށްލައިފަ އެވެ.
އާ ސަރުކާރެއް އެކުލަވައިލުމަށް ސިޔާސީ ގޮތުން ތާލިބާނުން މަސައްކަތް ކުރަމުން އަންނަ އިރު، ތާލިބާނުންނާ އިދިކޮޅު ހަރަކާތްތަކެއް ވެސް އިއްޔެ ހިނގި އެވެ. އެ ގޮތުން ޖަލާލް އާބާދުގައި އިއްޔެ ބަޔަކު ވަނީ ތާލިބާނުންނާ ދެކޮޅަށް މައިދާނަށް އެއްވެ މުޒާހަރާކޮށްފަ އެވެ. މުޒާހަރާ ކުރި މީހުން އަފްގާނިސްތާނުގެ ގައުމީ ދިދަ، އެ މައިދާނުގައި ނަގަން އުޅުމުން ތާލިބާންގެ ހަނގުރާމަވެރިން ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު މަރުވި އެވެ.
އަނެއްކޮޅުން ވެރިރަށް ކާބުލްގައި އިއްޔެ އަންހެނުންތަކެއް މަގުތަކަށް ނުކުމެ، ތައުލީމް އުނގެނުމުގެ ފުރުސަތު ދިނުމަށާއި، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައި މުޒާހަރާ ކުރި އެވެ.