19 އޯގަސްޓް 2021 - 11:30

މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ، ބޮޑުވަޒީރުގެ ކުރީގެ ނައިބު އިސްމާއީލް ސަބްރީ ޔައުގޫބަށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ރުހުން އޮތްތޯ ބެއްލެވުމުގެ މަސައްކަތް، ރަސްގެފާނު އަބްދުﷲ އަހްމަދު ޝާހް މިއަދު ފައްޓަވައިފި އެވެ.
އޭނާ އަށް އިތުބާރު އޮތްތޯ ބެއްލެވުމުގެ މަސައްކަތް ރަސްގެފާނު މި ފެއްޓެވީ، އިސްމާއީލް ސަބްރީ، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، ގާނޫނު ހަދާ މަޖިލީހުގެ 114 މެމްބަރަކު ސޮއިކުރައްވައި ބަޔާނެއް ނެރުއްވުމާ ގުޅިގެންނެވެ. ރިޔާސީ ގަނޑުވަރުން ބުނި ގޮތުގައި ރަސްގެފާނު އަބްދުﷲ އަހްމަދު ޝާހު، އެ 114 ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާނީ ފަސް ގުރޫޕަކަށް ބަހާލައިގެން އެކި ގަޑިތަކުގަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ 114 މެންބަރަކު ސޮއިކުރައްވައި ބަޔާނެއް ނެރުއްވީ، އިންތިހާބެއް ބޭއްވުމަކާ ނުލައި މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ބޮޑުވަޒީރު އައްޔަންކުރައްވަން ގަސްދުކުރައްވައި، އެ މަގާމަށް އައްޔަންކުރުމަށް ބޭނުންވާ ބޭފުޅެއްގެ ނަން އާންމުކުރެއްވުމަށް، ރަސްގެފާނު ދެއްވި މުހުލަތު އިއްޔެ ހަމަވާން ކައިރިވެފައި ވަނިކޮށެވެ.
އިސްމާއީލް ސަބްރީ އަށް 114 މެމްބަރުންގެ ތާއީދު ލިބިވަޑައިގަތުމުން، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރާނެ ކަމަށް ބެލެވުނު، ބޮޑުވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހީމަށް އެ ފުރުސަތު ގެއްލުނީ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 222 ކަމަށް ވާތީ، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވޭނީ މަދުވެގެން 112 މެންބަރުންގެ ރުހުން ލިބިވަޑައިގެންނަވާ ބޭފުޅަކަށެވެ.
އިސްމާއީލް ސަބްރީ އަށް ތާއީދުކުރެއްވި 114 މެމްބަރުންނާ ރަސްގެފާނު ބައްދަލުކުރެއްވި ނަމަވެސް، ބޮޑުވަޒީރު ކަމަށް އޭނާ އައްޔަން ކުރެއްވުމުގެކުރިން، އޭނާ އަށް ރުހުން އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގާނެ އެވެ.
އާ ބޮޑުވަޒީރަކު އައްޔަން ކުރުމުގެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް، މެލޭޝިޔާގެ ވެރިންގެ މަޖިލިސް، މާދަމާ ބައްދަލުކުރައްވާނެ އެވެ. ވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނީ، މެލޭޝިޔާގެ ނުވަ ސްޓޭޓްގެ ވެރިންނާއި އިތުރު ފަސް ސްޓޭޓެއްގެ ގަވަރުނަރުންނެވެ.
މުހްޔިއްދީން ޔާސީން، މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް އައްޔަންކުރެއްވީ، ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން، ހަފުތާއެއް ވަންދެން އެ މަގާމު ހުހަށް އޮތުމަށް ފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.
މުހްޔިއްދީންގެ ސަރުކާރަށް އެތައް ފާޑުކިޔުމެއް ކުރިމަތިވަމުން އައިސް، އެންމެ ފަހުން، އުމްނޯގެ 15 މެމްބަރަކު އޭނާ އަށް ތާއީދު ނުކުރައްވާނެ ކަމަށް، މި މަހުގެ ކުރީކޮޅު ވިދާޅުވުމާ ގުޅިގެން، މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ އެވެ.