ކޮވިޑް-19: މޮނިޓަރިންގައި އަދިވެސް 14 ރަށް
ކޮވިޑް-19: މޮނިޓަރިންގައި އަދިވެސް 14 ރަށް

ކޮވިޑް-19 ފެތުރޭތީ އަރައިފޭބުން މަނާކޮށްފައި މި ވަގުތު އޮތީ 14 ރަށެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން ބުނީ ރޭގެ 11:30 އާ ހަމައަށް މޮނިޓަރިންގައި 14 ރަށް އޮތް ކަމަށެވެ. މޮނިޓަރިންގައި އޮންނަތާ އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ރަށަކީ ރ. ދުވާފަރެވެ.

އެ ރަށުން ކޮވިޑްގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މެއި 25 ގަ އެވެ. އޭގެ ފަހުން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުންނަށް އެ ރަށުން ކޮވިޑް ޖެހިފައިވެ އެވެ.

އެންމެ ފަހުން މޮނިޓަރިންއަށް ލާފައިވަނީ އދ. ދަނގެއްޗާއި ގއ. މާމެންދޫ އެވެ. އެ ދެ ރަށް ބަންދުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ފަށައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް އަންނަނީ ދެމުންނެވެ. ނަމަވެސް އެ ލުއިތަކަށް މަހަކަށްވުރެ ގިނަ ދުވަސްވިއަސް މޮނިޓަރިންގެ ހާލަަތުގައި އޮތް ރަށްތަކުގެ އަދަދު ވަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

ސަރުކާރުން ނިންމާފައިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީން ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އެއަށްފަހު، އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދީ ނިމުމުން މިހާރަށްވުރެ ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވެ އެވެ.