ގައުމު ދޫކޮށް ދިޔައީ ދަންޖައްސަފާނެތީ: އަޝްރަފް ޣަނީ
ގައުމު ދޫކޮށް ދިޔައީ ދަންޖައްސަފާނެތީ: އަޝްރަފް ޣަނީ

ގައުމު ދޫކުކޮށް ވަޑައިގެންނެވީ އަފްގާނިސްތާނު ރައްޔިތުން އިންތިހާބުކުރި ރައީސް، އެމީހުންގެ ކުރިމަތީގައި ދަންޖައްސާ މަންޒަރު، ރައްޔިތުންނަށް ދައްކަން ބޭނުން ނުވާތީ ކަމަށް އަފްގާނިސްތާނުގެ ވެރިކަން ދޫކުރައްވާ ގައުމުން ބޭރަށް ވަޑައިގެންނެވި، ކުރީގެ ރައީސް އަޝްރަފް ޣަނީ އިއްޔެ ވިދާޅުވެއްޖެ އެވެ.

"ވަރަށް އިހާނެތި ގޮތެއްގައި އަހަރެން ގައުމުން ބޭރުކޮށްލީ. އެންމެ ކުޑަމިނުން ފައިވާނުން ފައިބައިގެން ބޫޓަށް އަރައިލާނެ ވަގުތުކޮޅެއް ވެސް އަޅުގަނޑަކަށް ނުލިބުނު. ތާލިބާނުން ކާބުލް އަށް ވަދެގަތީ، އެކަން އެގޮތަށް ނުކުރުމަށް ކުރިން އެއްބަސްވެފައި އޮއްވަ. ދެންވެސް އަޅުގަނޑު އެތަނުގައި ހުންނަންވީތޯ،" ޔޫއޭއީގައި މިހާރު ހުންނެވި އަޝްރަފް ޣަނީ ވިދާޅުވި އެވެ.

ތާލިބާނުން އެންމެ ފުރަތަމަ 1996 ވަނަ އަހަރު އަފްގާނިސްތާނު ހިފުމާއެކު، އޭރުގެ ރައީސް މުހައްމަދު ނަޖީބުﷲ، އދ.ގެ އޮފީހުގައި ހިމާޔަތް ހޯއްދަވައިގެން ހުންނަވަނިކޮށް، ގަދަކަމުން އޭނާ އެތަނުން ނެރެ، ރައްޔިތުންގެ ކުރިމަތީގައި އަނިޔާކޮށް އާންމު މައިދާނެއްގައި ދަންޖައްސައި މަރައިލި އެވެ.

ދައުލަތުގެ ޚަޒާނާ ހިފައިގެން، ގައުމު ވިއްކާލާފައި ފިލައިގެން ދިޔައީ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ.

ޔޫއޭއީގައި ހުންނަވައި، ފޭސްބުކްގައި އިއްޔެ އާންމުކުރެއްވި ރެކޯޑްކޮށްފައިވާ ވީޑިއޯ މެސެޖެއްގައި އަޝްރަފް ވިދާޅުވީ އޭނާ ގައުމު ދޫކުރައްވައި ވަޑައިގަތީ، އެނޫން ގޮތެއް ނެތުމުން، މީގެ 20 އަހަރު ކުރިން ތާލިބާނުންގެ ވެރިޔާ މުއްލާ އުމަރު ވެސް ގައުމު ދޫކޮށް ދިޔަ ފަދައިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނު ދޫކުރައްވައި ޔޫއޭއީ އަށް ވަޑައިގަތީ، ގައުމުގައި އިތުރަށް ލޭ އޮހޮރުވުމުގެ ސަބަބެއް ކަމުގައި އޭނާ ވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ އެވެ.

"އަހަރެން ގައުމު ވިއްކައެއް ނުލަން، އަދި ފިލައިގެން ދިޔައީކީ ވެސް ނޫން. އަހަރެންނަށް މައުލޫމާތު ލިބުނީ، ގައުމުގެ ވެރިމީހާގެ ބޯކަނޑާލަން ތާލިބާނުން ބޭނުންވާ ކަމަށް،" އަޝްރަފް ޣަނީ ވިދާޅުވި އެވެ.

"އަފްގާނިސްތާނު ރައްޔިތުން ބޭނުންވަނީ ސުލްހަ. ކަރްޒާއީ އާއި އަބްދުﷲ އަބްދުﷲ ކުރެއްވި މަސައްކަތަށް ވަރަށް އިހްތިރާމް ކުރަން. މިހާރު މިހުރީ ޔޫއޭއީގައި. ތާލިބާނުން ކާބުލް ހިފި ދުވަހު ކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނަން. ތާލިބާނުން ކާބުލް އަށް ވަނުމާއެކު، އިންގިލާބެއް ފަދަ ހަރަކާތްތަކެއް ފެންނަމުންދާ ކަމަށް، ހަށިފާރަވެރިން ބުނި އިރު ވެސް އަޅުގަނޑު ހުރީ ރިއާސީ ގަނޑުވަރުގައި."

އަޝްރަފް ޣަނީ ވިދާޅުވި ގޮތުގައި ގައުމު ދޫކުރައްވައި ފުރާވަޑައިގެންނެވި އިރު، އޭނާއާ އެކުގައި އެއްވެސް ފައިސާއެއް ނުގެންދަވަ އެވެ. އަދި ގައުމުން ނުކުމެވަޑައިގެންނެވި އިރު އަރިހުގައި ގެންދެވި ހަމައެކަނި އެއްޗަކީ، އަމިއްލަ މިލްކިއްޔާތުގައި ހުރި މަދު ފޮތްކޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި ގައުމު ދޫކުރައްވައި ގަލްފުގެ ގައުމެއްގައި ދިރިއުޅުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން އެނބުރި ގައުމަށް ވަޑައިގެންނެވޭނެ ގޮތަކާ މެދު، ތާލިބާނުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޝްރަފް ޣަނީ ފިއްލަވަން ވެގެން، ރިއާސީ ގަނޑުވަރުން ނުކުމެވަޑައިގެންނެވި އިރު، ތިން ކާރު ފުރައި ފައިސާ ގެންދެވި ކަމަށާއި، އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ނޭރުވިގެން، ބައެއް ފައިސާތައް އެއާޕޯޓްގެ ޕާކިން ސަރަހައްދަށް ވެސް ދޫކޮށްލާފައި ހުރި ކަމަށް، ރަޝިޔާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އަޝްރަފް ޣަނީ ވިދާޅުވި ގޮތުގައި، އޭނާ ގައުމު ދޫކުރައްވައި ވަޑައިގަތީ ހަނގުރާމައިން ބަލިވެގެންނެއް ނޫނެވެ. ނަމަވެސް ބަލިވީ ސިޔާސީ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ގައުމު ދޫކުރައްވައި ވަޑައިގަތުމަށް ފަހު، ފޭސްބުކްގައި އޭނާ ފުރަތަމަ ވެސް ވިދާޅުވީ، ގައުމު ދޫކުރައްވައި ވަޑައިގަތީ، އިތުރު ލޭ އޮހޮރުވުމަކަށް ފުރުސަތު ނުދެއްވުމަށް ކަމަށެވެ. އަދި ގައުމުގައި ހުންނަވައިގެން މަގާމު ދިފާއުކުރެއްވުމަށްޓަކައި ހަނގުރާމަ ކުރައްވަން ގަސްދުކުރެއްވި ނަމަ، އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތާލިބާން ޖަމާއަތުގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި، ތާލިބާންގެ ހަނގުރާމަވެރިން ވެރިރަށް ކާބުލް އަށް ވަނީ، އަދި ސަރުކާރުގެ އިމާރާތްތައް އެމީހުންގެ ބެލުމުގެ ދަށަށް ގެނައީ، ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން އެމީހުންގެ މަސްއޫލިއްޔަތުން އެކަހެރިވެ ފިލައިގެން ދިޔުމުންނެވެ.