އާއިލާ ފުރިހަމަވެއްޖެ، މި ހުރީ ވަރަށް އުފަލުން: އަނިލް
އާއިލާ ފުރިހަމަވެއްޖެ، މި ހުރީ ވަރަށް އުފަލުން: އަނިލް

ދެވަނަ އަންހެން ދަރިފުޅު ރިއާ ކަޕޫރްގެ ކައިވެންޏާ އެކު އާއިލާ އަށް ލިބުނު ދަނބިދަރިފުޅާ އެކު މިހާރު އާއިލާ ފުރިހަމަވެއްޖެ ކަމަށާއި އެ އާއިލާ ވަރަށް އުފާވެރި ކަމަށް އަނިލް ކަޕޫރް ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި، ރިއާ އާއި ކަރަން ބޫލާނީގެ ކައިވެނީގެ ހަފުލާގެ ފޮޓޯއެއްގެ އިތުރުން އަމިއްލަ އާއިލާގެ ހުރިހާ މެމްބަރުން ފެންނަ ފޮޓޯއަކާ އެކު އަނިލް އަމިއްލަ އާއިލާ ސިފަކުރީ ހިތްގައިމު "މެގްނަމް އޯޕަސް"އެއް ގެ ގޮތުގަ އެވެ.

"މިހާރު ދެ އަންހެން ދަރިންނާއި ތިން ފިރިހެން ދަރިން އެބަތިބި. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" އަނިލް ބުންޏެވެ. "އާއިލާގެ އުފާވެރިކަމާ އެކު އަހަރެމެންގެ ހިތްތައް ވަނީ ފުރިފައި."

އަނިލް އާންމުކުރި އާއިލީ ފޮޓޯގައި ފެންނަނީ އޭނާ އާއި އަންހެނުން ސުނީތާ އާއި ދޮށީ ދަރިފުޅު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އާއި ރިއާ އާއި ކަރަންގެ އިތުރުން އާއިލާގެ ހަގު މެމްބަރު ހާޝްވަރުދަން ކަޕޫރެވެ. ހާޝް އަކީ އަނިލްގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ.

އަނިލްގެ ޕޯސްޓްގައި ތިން ފިރިހެން ދަރިންނޭ އިޝާރާތްކޮށްފައި އޮތީ ދެ ދަނބިދަރިންނާ އެކީގަ އެވެ.

ދެ ދައްތަ އަށް ފަހު ދެން ކުރިއަށް އޮތީ ހާޝްގެ ކައިވެންޏެވެ. އެކަމަކު އެއީ ކޮން އިރަކު، ކާކާ ކަމެއް އަދިއެއް ނޭނގެ އެވެ. ހާޝް، 30، އަކީ އަދި މަޑުމަޑުން ފިލްމީ ދާއިރާ އިން ކުރިއަށްދާ އެކްޓަރެކެވެ.

ސޯނަމާއި އާނަންދު ކައިވެނިކުރީ 2018 ގަ އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ސޯނަމް މިހާރު އިނީ ބަލިވެ އެވެ. އެހެންވެ ދެން މާ ގިނަ ދުވަހެއް ނުވެ، ޒުވާން ކަމަށް ބަދަލެއް ނާންނަ އަނިލް، ކާފައަކަށް ވެސް ވެދާނެ އެވެ.