20 އޯގަސްޓް 2021 - 07:04

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން އެކި ދުވަސްވަރުގައި ބޭނުންކޮށްފައިވާ ހެދުންތަކާއި ބޫޓާއި ފައިވާނާއި އެކްސެސަރީޒް ފަދަ ތަކެތި އޭނާގެ ވެބްސައިޓް މެދުވެރިކޮށް ނީލަމަށް ލީއިރު ޖަނާޒާތަކަށް ދާން ލާފައި ހުރި ހެދުންތަކެއް ވެސް އޭގެ ތެރޭގައި ހިމެނޭތީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔަން ފަށައިފި އެވެ.
ވެބްސައިޓްގައި އާންމުކޮށްފައިވާ ހެދުންތަކުގެ ތެރެއިން އާންމުން އެންމެ ބޮޑަށް އަޅައިގަތީ ދެ ހެދުމެއްގަ އެވެ. އެކައްޗަކީ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ބައްޕަ އަޝޯކް ޗޯޕްޅާގެ ޖަނާޒާގައި 2013 ގައި ބައިވެރިވި އިރު ދީޕިކާ ލީ ކުރުތާ އެވެ. އަނެއް ހެދުމަކީ 2013 ގައި ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ޚާންގެ ޖަނާޒާގައި ބައިވެރިވި އިރު ދީޕިކާ ލީ ކުރުތާ އެވެ.
މި ދެ ހެދުމުގެ ފޮޓޯއާ އެކު ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ދަނީ ދީޕިކާ އަށް ފާޑުކިޔަމުންނެވެ. ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ވިޔަސް، ޖަނާޒާއެއްގައި ބޭނުންކުރި ހެދުން ވިއްކުމަކީ ދަށް ފެންވަރުގެ އަމަލެއް ކަމަށް ބުނެފައިވެ އެވެ.
މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން، ދީޕިކާ ބޭނުންކޮށްފައިވާ ބައެއް އެއްޗެހި ވިއްކަން ފެށީ ކޮވިޑް-19 ގެ ތެރޭ އިންޑިއާގެ ސިއްހީ އެހީތެރިން ކުރާ މަސައްކަތްތަކަށް އެހީވާން ފައިސާ ހޯދުމުގެ ގޮތުންނެވެ.