06 ޖޫން 2016 - 08:29

"އުޅްތާ ޕަންޖާބު"ގެ ފުރަތަމަ ޓެއިލާ އިންޑިއާގެ ސެންސަރު ބޯޑުން އެއްވެސް ވަރަކަށް ކަނޑާނުލާ ފާސްކޮށްދިނުމުން ޑައިރެކްޓަރު އަނުރާގް ކަޝޭޕް ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ފިލްމު ރިލީޒްކޮށްދޭނީ 40 ތަނެއް އެޑިޓްކޮށްގެން ކަމަށް ސެންސަރު ބޯޑުން އެންގުން ޑައިރެކްޓަރު ވަނީ ހިތްހަމަނުޖެހިފަ އެވެ.
މިހާރު އިތުރު މައްސަލައެއް ވެސް އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ. "އުޅްތާ ޕަންޖާބު" އިން "ޕަންޖާބު" ލަފުޒު ކަނޑާލަން ފިލްމު ސަޓިފިކޭޝަން އެޕެލެޓް ޓްރައިބިއުނަލް (އެފްސީއޭޓީ) އިން އެދުމުންނެވެ.
ހަގީގަތުގައި އެ ޓްރައިބިއުނަލް އާއި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރުގެ އަރިހަށް ޑައިރެކްޓަރު ދިޔައީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދޭން ހުށަހަޅާ ޝަރުތުތަކުން ސަލާމަތް ވެވޭނެ ގޮތެއް އޮތްތޯބެލުމަށެވެ.
"އުޅްތާ ޕަންޖާބު"ގެ ޕްރޮޑަކްޝަން ހައުސްގެ ފަރާތުން ވާހަކަ ދައްކާފައިވާ މީހަކު އިންޑިޔާގެ ބޮލީވުޑްލައިފް އޮންލައިން ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ހުކުރު ދުވަހު އެ ޓްރައިބިއުނަލްގެ މީހުންނަށް ފިލްމު ދައްކާފައިވާ ކަމަށާއި އެމީހުންނަށް ފެންނަ ލަފައެއް ހޯމަ ދުވަހު ލިޔުމަކުން ދޭނެކަމަށް އަންގާފައިވާ ކަމަށެވެ. އަދި ފިލްމު ބެލުމަށް ފަހު އެވަގުތު ވެސް ޑައިރެކްޓަރު ގާތު ފިލްމުގެ ނަމުން "ޕަންޖާބު" ކަނޑާލަން އެ ފަރާތުން މަޝްވަރާ ދިން ކަމަށްވެ އެވެ. އަދި ހަމައެކަނި ފިލްމުގެ ނަމަކުން ނޫނެވެ. މުޅި ފިލްމުގައި ވެސް ޕަންޖާބު ސްޓޭޓާއި އެ ސިޓީގެ ނަން ވެސް ނުހިމެނުމަށް އެމީހުން ލަފާ ދީފައިވާ ކަމަށްވެ އެވެ.
ސިޔާސީ މައިދާނުން ފިލްމަށް ކުރިމަތިވެދާނެ މައްސަލަތަކަކުން ސަލާމަތްވެ މައްސަލަތައް ހައްލުކުރުމަށްޓަކައި ފިލްމު ރިލީޒްކުރަން މިހާރު ހަމަޖެހިފައިވާ ތާރީޚު ފަސް ކުރުމަށް ވެސް އެފްސީއޭޓީ އިން ލަފާ ދީފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.
"މިއީ ސިޔާސީގޮތުން ފިލްމަށް ކުރިމަތިވެފައިވާ މައްސަލަތަކެއް ކަން މިހާރު ޔަގީން،" އޭނާ ބުނެފައިވެ އެވެ.