18 އޯގަސްޓް 2021 - 23:19

އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އަތުން 2-0 އިން ބަލިވެ، މުބާރާތުގައި ކުރިއަށްދާން މާޒިޔާ އަށް އުނދަގޫ ވެއްޖެ އެވެ.

މިއީ ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗް، އޮސްކާ ބުރުޒޮން ބަރޭރަސް އޭނާގެ މިހާރުގެ ޓީމު ގޮވައިގެން ގައުމީ ފުޓްބޯޅަ ދަނޑަށް އެނބުރި އައި މެޗެވެ. މާޒިޔާއާ ދެކޮޅަށް ކުޅެން އައިރު އޭނާ ވަނީ ރަނގަޅަށް ހޯމް ވޯކް ހަދައިފަ އެވެ.

މިރޭގެ މެޗަކީ ތިން މަހަށް ފަހު މާޒިޔާ ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މީގެ ކުރިން އެ ޓީމުން ވާދަވެރި މެޗެއް ކުޅުނީ މެއި މަހުގެ 2 ވަނަ ދުވަހު، ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއާ ދެކޮޅަށެވެ.
މެޗުގެ 25 ވަނަ މިނެޓްގައި ބޮށުންދޮރާއިން ލީޑް ނެގީ މެޗުގައި މާޒިޔާގެ ކެޕްޓަންކަން ކުރި މުހައްމަދު އިރުފާން (އިރޭ) އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ބޮށުންދަރާއިން މާޒިޔާގެ ހާފުގެ ތެރެއަށް ފޮނުވާލި ބޯޅަ ހޯދަން އިރޭ މަސައްކަތް ކުރި އެވެ. އޭނާގެ ފަހަތުން ބޮށުންދޮރާގެ ކުޅުންތެރިޔަކު ވިއްދާފައި ހުރުމުން، އިރޭ މަސައްކަތް ކުރީ ބޯޅަ ބޭރު ކޮށްލާށެވެ. އޭނާ ބޯޅަ ފޮނުވާލއިރު މާޒިޔާގެ ކީޕަރު މިރްޒޯހިދު ވެސް ހުރީ ކުރިއަށް ނުކުމެ އެވެ. އިރޭ ފޮނުވާލި ބޯޅަ އޮއްސިގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. ކީޕަރު މިރުޒޯހިދު ގޯލާ ހަމައަށް ދިޔައިރު އެ ބޯޅަ އޮތީ ގޯލް ހުރަސްކޮށް އެތެރެވެފަ އެވެ.
މެޗު ފަށައިގެން މާޒިޔާއިން ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ އެވެ. ނަމަވެސް ބޮށުންދޮރާއިން ލީޑް ނެގުމުން މާޒިޔާގެ ކުޅުންތެރިންގެ ހިތްވަރު އެލިގެން ދިޔަ މަންޒަރު ފެނުނެވެ.
މެޗުގެ 40 ވަނަ މިނެޓްގައި ބޮށުންދޮރާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ރޮބްސަން އަޒެވޭޑޯ (ރޮބީނިއޯ) އެވެ. މާޒިޔާގެ ޑިފެންޑަރުން ކައިރިން ނައްޓާލައި ގޯލްގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލީ ކީޕަރު މިރްޒޯހިދު ހުރި ފަޅި އަށެވެ.
މެޗުގެ 76 ވަނަ މިނެޓްގައި ބޮށުންދަރާގެ އާޖެންޓީނާގެ ފޯވަޑް ރައުލް ބެސޭރާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު މިރްޒޯހިދު އަތުން ޕަންޗުކޮށްލުމުން އެ ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށެވެ. އޭގެ ފަހުން ވެސް ބެސޭރާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.
ބޮށުންދޮރާއިން ނެގި ކޯނަރެއްގައި އެ ޓީމުގެ އިރާންގެ ޑިފެންޑަރު ހާލިދު ޗާފީއޭ ބޮލުން ޖެހި ބޯޅަ ނުރައްކާކޮށް ދިޔަނަމަވެސް އެ ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
މާޒިޔާއިން މެޗަކުން މިނބަލިވީ، މިދިޔަ އަހަރު ޑިސެމްބަރަށް ފަހު އެވެ. އެ މަހު ކުޅުނު ޗެރިޓީ ޝީލްޑް މެޗު މާޒިޔާއަށް ގެއްލުނީ އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ. އޭގެ ފަހުން ލީގުގައި ކުޅުނު 14 މެޗު ވެސް އެ ޓީމު ބަލި ވެފައެއް ނުވެ އެވެ. މިއީ މާޒިޔާގެ ކޯޗް ސާބިއާގެ ރިސްޓޯ ވިޑަކޮވިޗްގެ ކޯޗު ކަމުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
ކޮވީޑް-19 އާ ގުޅިގެން އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު ކުރިއަށް ގެންދަނީ ސެންޓްރަލައިޒްކޮށް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅޭ ގޮތަށެވެ. ދެކުނު އޭޝިއާ ގުރޫޕުގައި ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅޭނެ އެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވުމުން އިންޓަ ޒޯނަލް ޕްލޭ އޮފް ސެމީ ފައިނަލަށް ދިއުމަށް އެ ޓީމަށް ވަނީ އުންމީދު ފަނޑުވެފަ އެވެ.