ސާފް ޗެމްޕިއަންޝިޕް: ރާއްޖެގެ ފުރަތަމަ މެޗު ނޭޕާލާ ދެކޮޅަށް
ސާފް ޗެމްޕިއަންޝިޕް: ރާއްޖެގެ ފުރަތަމަ މެޗު ނޭޕާލާ ދެކޮޅަށް

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލްއާ ވާދަކުރަން ޖެހިއްޖެ އެވެ.

ރާއްޖެ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. އޮކްޓޯބަރު 1 ގައި ރާއްޖޭގައި ފަށާ މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޯބަރު 6 ގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ލަންކާ އާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އޮކްޓޯބަރު 8 ގަ އެވެ. ފަހު މެޗުގައި ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހު އެވެ.

އޮކްޓޯބަރު 1-13 އަށް ރާއްޖޭގައި ބާއްވާ މުބާރާތުގައި ވާދަކުރާނީ ސާފުގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ބޫޓާންގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން އެ ގައުމުގެ ޓީމު ގައުމުން ބޭރަށް ފުރުމުގެ ހުއްދައެއް ނެތެވެ. އެހެންވެ ބޫޓާނުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން ރަސްމީކޮށް އަންގައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

ފަސް ޓީމު މުބާރާތުގައި ވާދަކުރާތީ، މުބާރާތް ކުރިއަށްގެންދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

* އޮކްޓޯބަރު 1

ހަވީރު: ދިވެހިރާއްޖެ - ނޭޕާލް

ރޭގަނޑު: ސްރީލަންކާ - ބަންގްލަދޭޝް

* އޮކްޓޯބަރު 3

ހަވީރު: ބަންގްލަދޭޝް - އިންޑިއާ

ރޭގަނޑު: ސްރީ ލަންކާ - ނޭޕާލް

* އޮކްޓޯބަރު 6

ހަވީރު: އިންޑިއާ - ސްރީ ލަންކާ

ރޭގަނޑު: ދިވެހިރާއްޖެ - ބަންގްލަދޭޝް

* އޮކްޓޯބަރު 8

ހަވީރު: ދިވެހިރާއްޖެ - ޝްރީލަންކާ

ރޭގަނޑު: ނޭޕާލް - އިންޑިއާ

* އޮކްޓޯބަރު 11

ހަވީރު: ބަންގްލަދޭޝް - ނޭޕާލް

ރޭގަނޑު: އިންޑިއާ - ދިވެހިރާއްޖެ

* އޮކްޓޯބަރު 13: ރޭގަނޑު ފައިނަލް މެޗު

މިއީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ދެ ވަނަ ފަހަރެވެ. ރާއްޖެއިން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބޭއްވީ ލަންކާ އާ ދެ ގައުމު ގުޅިގެން 2008 ގަ އެވެ. އޭރު ގުރޫޕް އޭގެ މެޗުތަކާއި ސެމީ ފައިނަލުގެ އެއް މެޗު ކުޅުނީ ރާއްޖޭގަ އެވެ. ކޮލަމްބޯގެ ސުގަތަދާތަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗު ރާއްޖެއިން ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.

މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބަންގްލަދޭޝްގަ އެވެ. ކޮވިޑް-19 އާ ގުޅިގެން މި އަހަރަށް ފަސް ކުރި ނަމަވެސް ބަންގްލަދޭޝްގެ ހާލަތު ރަނގަޅު ނުވާތީ ސާފުން ނިންމީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް ބިޑަށް ހުޅުވާލުމަށެވެ. ރާއްޖެ ބިޑު ކާމިޔާބުކުރީ ނޭޕާލާ ވާދަކޮށެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ވެސް ބޭއްވި ބަންގްލަދޭޝްގަ އެވެ. އެ ފަހަރުގެ މުބާރާތް ރާއްޖެ އިން ކާމިޔާބުކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.