ޑްރަގްސް އެތެރެކުރި ބްރެޒިލްގެ މީހާގެ ތަހުގީގަށް ޕޯޗުގީޒް ބަސް ދަންނަ މީހަކު ހޯދަނީ
ޑްރަގްސް އެތެރެކުރި ބްރެޒިލްގެ މީހާގެ ތަހުގީގަށް ޕޯޗުގީޒް ބަސް ދަންނަ މީހަކު ހޯދަނީ

ރާއްޖެ އަށް މިދިޔަ ހުކުރު ދުވަހު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކުރި ބްރެޒިލްގެ މީހާ އަށް ހަމައެކަނި އެނގެނީ ޕޯޗްގީޒާއި ސްޕެއިންގެ ބަސް ކަމަށް ވުމުން ޕޯޗްގީޒް ބަސް ދަންނަ މީހަކު ހޯދުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) އިން ކުރިއަށް ގެންދާ ތަހުގީގަކަށް، ޕޯޗުގީޒް ބަސް ތަރުޖަމާ ކޮށްދޭން އެނގޭ މީހަކު ހޯދަމުން އަންނަ ކަމަށާއި އެކަމަށް ޝައުގުވެރިވާ މީހަކު ހުރި ނަމަ، 9660126 އަށް ގުޅުމަށް އެދޭ ކަމަށެވެ.

އުމުރުން 31 އަހަރުގެ ބްރެޒިލްގެ އަންހެންމީހާ

އުމުރުން 31 އަހަރުގެ ބްރެޒިލްގެ އަންހެންމީހާ ހައްޔަރުކުރި އިރު، އޭނާ އަށް އެނގޭ ބަހަކުން ގާނޫނީ އިންޒާރު ދޭން ބޭނުންކުރީ ގޫގުލް ޓްރާންސްލޭޓް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

އެ މީހާގެ ބަންދަން ކްރިމިނަލް ކޯޓުން މިދިޔަ ހޮނިހިރުގައި ދެ ދުވަސް އިތުރުކުރި އަމުރުގައި ބުނެފައިވަނީ ބަންދަށް ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެއްސިފައި ނެތުމުން، ތަރުޖަމާނެއްގެ ހާޒިރުގައި އޭނާގެ ބަންދުގެ މުއްދަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށް ޝަރީއަތުން ދެކޭތީ ކަމަށެވެ.

ކަސްޓަމްސް އިން ހިފެހެއްޓި މި އަންހެން މީހާގެ ލަގެޖުގެ ތެރޭގައި ފޮރުވާފައި ހުއްޓައި ފެނުނީ 3.197 ކިލޯގެ މަސްތުވާތަކެއްޗެވެ.

ކަސްޓަމްސް އިން މި ތަކެތި ޓެސްޓު ކުރި އިރު އެ ތަކެތި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާއިރު އެ ތަކެތީގެ މަގުމަތީ އަގު 15،980،000ރ. އަރާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.