18 އޯގަސްޓް 2021 - 17:52

ބީއެމްއެލްގެ "އަހަރެެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. ގެމަނަފުށީގެ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ހުޅުވައިފި އެވެ.

ބީޓެކަށް ކިޔަވާ ދަރިވަރުންނަށް ހޮސްޕިޓަލިޓީގެ ދާއިރާ އިން ތަމްރީނު ހާސިލް ކުރެވޭނެ ގޮތަށް ޑިޒައިން ކޮށްފައިވާ މި ކްލާސްރޫމުން، ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި އެނދު އަޅާނެ ގޮތާއި ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިވާނެ ކަމށް ބީއެމްއެލުން ބުނެ އެވެ.
ކްލާސްރޫމް ޑިޒައިން ކޮށްދިން ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ ބީޓެކަށް ކިޔަވާ ދަރިވަރުންނަށް ރިސޯޓުތަކުން އަމަލީ ތަޖުރިބާ ހޯދުމަކީ ދަތިކަމެއް ކަމަށެވެ. އަދި އެ ކްލާސް ހިންގަނީ މަހަކު އެއްފަހަރު ކަމަށާއި ތަކެތި ހޯދަނީ ވެސް އަމިއްލަ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓްގެ އަމާޒަކަށް ވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް، މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު އިތުރުކުރުމަށް އެހީތެރިވުން،" ޝާފިއު ވިދާޅުވި އެވެ.
"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މި ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދެ އެވެ.