18 އޯގަސްޓް 2021 - 14:02

ކޮވިޑު-19 އިން ދިފާއުވުމަށް މިހާތަނަށް ގާތްގަނޑަކަށް 5،000 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މިދިޔަ އާދިއްތަ ދުވަހު ފެށި ކެމްޕެއިންގެ ދަށުން 12-17 އަހަރާ ދެމެދުގެ 4،973 ކުއްޖަކަށް މާލެ އާއި އެކި ރަށްރަށުން ފައިޒާ ވެކްސިން ޖަހާފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ އުމުރުގެ ކުދިންނަށް ވީހާ ވެސް އަވަހަކަށް ވެކްސިން ދީ، ބޮޑެތި ލުއިތަކެއް ދިނުމެވެ.
އެޑިއުކޭޝަނުން ނިންމާފައިވަނީ 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ވެސް އަލުން ފަށާށެވެ. އެ އުމުރުގެ 40،000 ކުއްޖަކަށް ވެކްސިން ދޭނެ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އެ ބަލީގެ ސަބަބުން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ވަނީ ފަށައިފަ އެވެ. އެކަން މެދުނުކެނޑި ކުރިއަށްގެންދިއުމަށް، ހުރިހާ ޓީޗަރުންނާއި ސްކޫލުތަކުގައި މަސައްކަތްކުރާ އެންމެން ވެސް ވެކްސިން ޖެހުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެކަމަށް ބާރު އެޅުމަށް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލަށް ވަދެ ނުކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެކަނި ކަމަށް މިނިސްޓްރީން ނިންމާފައިވެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 354،192 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ 296،498 މީހުންނެވެ.