29 ނޮވެމްބަރ 2016 - 06:11

ކެޓުރީނާ ކައިފް އާއި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފޮޓޯ ޝޫޓަކަށް ރާއްޖެ އައިތާ މިހާރު ދެ ތިން ދުވަސް ވެއްޖެ އެވެ. އިއްޔެ ރޭ ކެޓުރީނާ ވަނީ އަނަންތަރާ ކިހަވައްގައި މަނީޝްގެ 50 ވަނަ އުފަން ދުވަސް، އެދުވަހުގެ ކުރިން، ވަރަށް ކުލަގަދަކޮށް ފާހަގަކޮށް ކޭކު ފަޅާފަ އެވެ.

މަނީޝް އަކީ ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންގެ ހެދުން ޑިޒައިންކޮށްދޭ ޑިޒައިނަރެކެވެ. އަދި ވަރަށް ގިނަ ފިލްމުތަކުގައި ތަރިން އަޅަނީ ވެސް މަނީޝް ޑިޒައިންކުރާ ހެދުންތަކެވެ.
ފޮޓޯ ޝޫޓްގައި ބިޒީކޮށް އުޅުނަސް ކެޓުރީނާ ވަނީ މަނީޝްގެ އުފަން ދުވަސް ފާހަގަކުރަން ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ކޮށްފަ އެވެ.
މަނީޝްގެ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެމީހުންނާ އެކު ރާއްޖެ އައި ކުރޫން ވެސް ބައިވެރިވި އެވެ.
މަނީޝްގެ އުފަން ދުވަހަކީ ޑިސެމްބަރު 5 ނަމަވެސް އޭގެ ނުވަ ދުވަސް ކުރިން އެ ދުވަސް ފާހަގަކުރަން ކެޓުރީނާ ގަސްތުކުރީ ރާއްޖޭގައި އެ ދުވަހުގެ އުފާ ލިބިގަންނާށެވެ.
މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ދަނީ މަނީޝްގެ އުފަން ދުވަހަށް މުމްބާއީގައި ވަރަށް ބޮޑު ޕާޓީއެއް ބާއްވަން ތައްޔާރުވަމުންނެވެ. މި ޕާޓީގައި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވާނެކަމަށް ބެލެވެ އެވެ.