18 އޯގަސްޓް 2021 - 14:22

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާތަކެއް އުފުލާފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ އަތުން މަސްތުވާތަކެއްޗާއެކު، އެ ތަކެތި ޕެކް ކުރަން ބޭނުން ކުރި ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ދައުވާގައި ބުނެފި އެވެ.

ޕެސްޓުގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ލ. ގަން، ތުނޑި، އަބަދަށްއުފާ މުހައްމަދު ސުއިއަދުގެ މައްޗަށް ޓްރެފިކިންގެ ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
އޭގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ދައުވާ ވެސް އުފުލި އެވެ. ކުށް ކޮށްގެން ހޯދާފައިވާ ފައިސާގެ ދައުވާ އެ ދެ މީހުންގެ އިތުރުން ލ. ގަން، ތުނޑި ހަނދުވަރީހިޔާ އަހުމަދު ޝަމްއޫންގެ މައްޗަށް ވެސް ކުރެ އެވެ.
ޓްރެފިކިންގެ ތިން ދައުވާ ދައުލަތުން މިއަދު ކޯޓުގައި އިއްވިއިރު، ޕެސްޓާއި ސުއައިދު ވަނީ އެ ތިން ދައުވާ ވެސް ސާފު ކަމަށް ބުނެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ބާކީ ދެ ދައުވާގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ ވަކިން އެހެން ދުވަހަކު އެވެ.
އެ މައްސަލަތަކުގައި ދައުލަތުގެ ހެކިންގެ ތެރޭގައި، އޮޕަރޭޝަނުގައި އުޅުނު ފުލުހުންނާއި އެކި ތަހުލީލުތައް ހެދި ފުލުހުން ހިމެނެ އެވެ. އަދި ކިތާބީ ހެކީގެ ތެރޭގައި ފިންގަޕްރިންޓް އެނަލިސިސް ރިޕޯޓަކާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓަކާއި ޑީއެންއޭ އެނަލިސިސް ރިޕޯޓެއްގެ އިތުރުން ފަހުން އިތުރު ހެއްކެއްގެ ގޮތުގައި ހުށަހަޅާ އިމޭޖް އެނަލިލިސް ރިޕޯޓެއް ވެސް ހިމެނެ އެވެ.
ދިފާއީ ހެކި ހުށަހަޅަން ގާޒީ ހުސެއިން ފާއިޒު ރަޝާދު ދެއްވީ ތިން ދުވަހުގެ މުއްދަތެކެވެ.
ދައުލަތުން މިއަދު އިއްވި ދައުވާތަކުން އެނގުނު ގޮތުގައި ޕެސްޓާއި ސުއައިދު ފެބްރުއަރީ 13، 2021 ގައި ހައްޔަރު ކުރީ، ދެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ޕެސްޓު ހައްޔަރު ކުރިއިރު، ވޮލެޓުގެ ތެރެއިން 24،580ރ. ފެނުނު ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ބޭނުން ކުރި ކަމަށް ބުނާ ގެއަކުން ފެނުނު ކަރުދާސް ފޮއްޓަކުން 14،000ރ. ފެނުނު ކަމަށް ވިދާޅުވި އެވެ.
އެއީ ކޮން ފައިސާއެއްކަން ބުނެދެވިފައި ނުވާތީ އެއީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ދައުލަތުގެ ވަކީލު ތުހުމަތު ކުރެއްވި އެވެ. އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އޭނާ އެދުނެވެ.
އެ މީހުން އެ ވިޔަފާރި ކުރަން ބޭނުން ކުރި ކަމަށް ބުނާ ގެއެއްގެ ކޮޓަރިއަކުން ކޮތަޅު ބަންދު ކުރާ މެޝިނަކާއި ދެ ޑިޖިޓަލް ކައްޓާއަކާއި ފިލްމު ހުސްކުރި ދަޅުތަކާއި ހުސް ރަބަރު ޕެކެޓުތަކާއި ހުސް ޖޫސްޕެޓީ ކޮތަޅުތަކާއި މާސްކިން ޓޭޕާއި އިންސިއުލޭޝަން ޓޭޕުގެ އިތުރުން ކަޓަރެއް ފެނިފައިވެ އެވެ. މިއީ މަސްތުވާކަތި ޕެކް ކުރަން ބޭނުން ކުރާ ތަކެތި ކަމަށް ތުހުމަތު ކުރެ އެވެ.
މި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އަކީ މެތެމްފެޓަމިން ރެސިމޭޓް (މެތު) ފެނުމުން ކުރި ދައުވާއެކެވެ.
އަލަމާރިއެއްގެ ތެރޭގައި ހުރި ކަރުދާސްކޮޅެއްގައި ހުރި ދެ ޖޫސްޕެޓީ ކޮތަޅަކުން 199 ގްރާމުގެ މެތު ފެނިފައިވާ ކަމަށާއި ހަމަ އެތަނުން ފެނުނު 10 ރަބަރު ޕެކެޓުގައި 49 ގްރާމް މެތު ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
އެ ކޮޓަރިން ފެނުނު ފޮށިގަނޑަކުން ނެގި ފިންގަޕްރިންޓު ވަނީ ޕެސްޓުގެ ފިންގަޕްރިންޓާ ދިމާވެފަ އެވެ.
ފުލުހުން މި ފަހުން ވަނީ ރާއްޖޭގައި މެތު ބޭނުން ކުރާ މިންވަރު އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މެތަކީ އެ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ޖިސްމާނީ ސިފަ އަށް ވެސް އަދި އުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަ ނުރައްކާތެރި އެއްޗެކެވެ. މެތު ބޭނުން ކުރާނެ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ވެސް ރާއްޖޭގައި ނެތެވެ.
ޕެސްޓާއި ސުއައިދަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާއިރު، ފުލުހުން ހޯދި ކެނަބިސްގެ ޖުމުލަ ބަރުދަން އެއް ކިލޯއަށް ވުރެ ގިނަ އެވެ. އޭޭގެ އިތުރުން ޕެސްޓާއި ސުއައިދު ބޯޓަކަށް އެރުވި ކަމަށް ބުނާ ފަންކާއެއްގެ ތެރޭގައި ރަބަރު ޕެކެޓަކަށް އެހެން ރަބަރު ޕެކެއްޓެއް ލައި ފޮރުވާފައި ހުރި 242 ގްރާމުގެ ކެނަބިސް ފެނިފައިވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުރީ ހެރޮއިން ވިއްކި ކަމުގެ ތުހުމަތުގަ އެވެ. ކަބަޑެއްގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުތަކެއްގައި ގާތްގަނޑަކަށް 400 ގްރާމުގެ ހެރޮއިން ފެނިފައިވެ އެވެ.
ޓްރެފިކިންގެ ތިން ދައުވާ ކޮށްފައިވާއިރު އެއިން ކޮންމެ ދައުވާއެއްގެ ވެސް އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 އިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ގާޒީ ފާއިޒު މިއަދު ވަނީ ޕެސްޓާއި ސުއައިދު ޝަރީއަތް ނިމެންދެން ކޮށްފައިވާ ބަންދު ދަމަހައްޓަން ނިންމަވައިފަ އެވެ.