30 ނޮވެމްބަރ 2016 - 06:37

ވިދްޔާ ބާލަން އާއި އަރްޖުން ރާމްޕާލްގެ "ކަހާނީ 2 – ދުރްގާ ރާނީ ސިންގް" އަންނަ ހުކުރު ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ 2012 ގައި ނުކުތް ވަރަށް ކާމިޔާބު އަދި އެހާމެ ގިނަ ބަޔަކަށް ރީތިވި ފިލްމެއް ކަމަށްވާ "ކަހާނީ"ގެ ސީކުއަލް އެކެވެ.
ފުރަތަމަ ފިލްމު އެހާ ރަނގަޅަށް ނުހިނގުމަކީ އެ ފިލްމުގެ ސީކުއަލްއެއް އުފައްދާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށްވެ އެވެ. އެގޮތުން މި ސަސްޕެންސް-ތުރިލާގައި ބައިވެރިވާ އެކްޓަރުންނަށް ވެސް މިފަހަރުގެ ފިލްމު ވެފައިވަނީ ވަރަށް ކަންބޮޑުވާ މައްސަލަ އަކަށެވެ.
ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިދްޔާ ބުނީ "ކަހާނީ 2" އަކީ "ކަހާނީ"ގެ ދެ ވަނަ ބައި ނަމަވެސް މިފަހަރުގެ ފިލްމުގެ ވާހަކައާ ކުރީ ފިލްމާ ގުޅުމެއް ނެތް ކަމަށެވެ. "ކަހާނީ 2" ގައި ކިޔައިދެނީ މުޅިން އާ ވާހަކައެއް ކަމަށް ވިދްޔާ ބުންޏެވެ.
ވިދްޔާ އެއްބަސްވި ގޮތުގައި "ކަހާނީ" އަށް ފަހު ނުކުތް އޭނާގެ އެއްވެސް ފިލްމެއް ނުހިނގި އެވެ. އެހެންވީމާ އެގޮތުން އޭނާއަކަށް ޕްރެޝަރެއް ނެތެވެ. އަދި ޕްރޮމޯޝަންގެ މަސައްކަތުގައި ހުއްޓުމެއް ނެތި ބުރަކޮށް އުޅެމުންދާތީ އެކަމާ ވިސްނާލާނެ ވަގުތެއް ވެސް ނުވާ ކަމަށް ވިދްޔާ ބުންޏެވެ.
ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ އެކްޓަރުންނަކީ އެމީހުންގެ ފްލޮޕް ފިލްމުތަކުގެ ވާހަކަ ދައްކަން ޖެހިލުންވާ ބައެކެވެ. ނަމަވެސް ވިދްޔާ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެ ވާހަކަތައް ދެއްކުމުން ގިނަ ބަޔަކު ވަނީ ހައިރާން ވެފަ އެވެ.
ވިދްޔާގެ އެންމެ ފަހުގެ ފަސް ފިލްމު ގަންޗައްކަރް، ޝާދީ ކޭ ސައިޑް އިފެކްޓްސް، ބޮބީ ޖާސޫސް، ހަމާރީ އަދޫރީ ކަހާނީ އަދި ޓީން އަށް ބޮކްސް އޮފީހުގައި ކުރިމަތިވީ ނާކާމިޔާބެވެ.
އިންޑިޔާއާ ގައި 500 ރުޕީސް އާއި 1000 ރުޕީސް ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލުމުން އެކަމުގެ ނޭދެވޭ އަސަރުތައް ބައެއް ފިލްމުތަކަށް ވަރަށް ބޮޑަށް ކުރި އެވެ. އެހެންވެ "ކަހާނީ 2" އަށް ވެސް މިފަދަ އަސަރެއް ކޮށްފާނެތީ ވިދްޔާގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. "ކަހާނީ 2" ގެ ބަތަލު އަރްޖުން އަށް މިކަމުގެ ހިތި ރަނގަޅަށް ވަނީ ފެނިފަ އެވެ. އޭނާގެ "ރޮކް އޮން 2" އަށް ލިބުނު ބޮޑު ނާކާމިޔާބީންނެވެ.
އަރްޖުން ބުނީ އޭނާ މިވަގުތު ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. ސަބަބަކީ "ރޮކް އޮން 2" އަށް ލިބުނު ނާކާމިޔާބީންނެވެ. އެ ފިލްމަށް ވީގޮތް މިފަހަރުގެ ފިލްމަށް ވާކަށް އަރްޖުން ނޭދެ އެވެ.
"ހުރިހާ ކަމެއް މިހާޜު ކޮންޓްރޯލް ވެއްޖޭ ބުންޏަސް އޭޓީއެމްތައް ދޮށުގައި އޮންނަ ދިގު ކިއޫ އަށް ބަލާލުމުން ދޭހަވަނީ މުޅިން އެހެން ގޮތަކަށް،" އަރްޖުން ބުނެފައި ވެއެވެ.
ނަމަވެސް ފިލްމީ ވިޔަފާރީގައި އުޅޭ މީހުން ބުނަނީ މިދިޔަ ހަފުތާގައި ރިލީޒްކުރި "ޑިއާ ޒިންދަގީ" ރަނގަޅަށް ހިނގަމުންދާތީ ފައިސާ މާރު ނުކުރެވި އަދި ބަދަލު ނުކުރެވިގެން ފިލްމު ބަލަން މީހުންނަށް ނުވަދެވުނު ދުވަސް މިހާރު ފާއިތުވެއްޖެ ކަމަށެވެ.